ބުޅިޖެހުމުގެ މަސައްކަތުގައި ޝަފީގުގެ 30 އަހަރު

 

މިފަހަރުގެ އިންޓަވިއު ކޮލަމްގައި މިގެނެސްދެނީ އޭދަފުށީގައި ބުޅިޖެހުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންއަންނަ މަޝްހޫރު ހުނަރުވެރިއެއްކަމަށްވާ އޭދަފުށީ އާޝާމް އަހްމަދު ޝަފީގްގެއިންޓަވިއު އެކެވެ.

މީގެ 30 އަހަރުކުރިން ދިމާވި ހިތާމަވެރި ހާދިސާއަކާ ގުޅިގެން ހިނގުމުން މުޅިން މަހްރޫމްވެފައިވާ ޝަފީގް މި މަސައްކަތް ކުރާތާ 30 އަހަރު މިއަހަރު ވަނީ ފުރިފަ އެވެ. ޝަފީގްގެ މަސައްކަތާ ގުޅޭގޮތުން މިނޫހުގެ ރިޕޯޓަރު އަބްދުލްޤައްޔޫމަށް ޝަފީގު ދިން އިންޓަވިއުގެ މުހިއްމު ބައިތައް ތިރީގައި އެވަނީއެވެ.

ކިހިނެއްތޯ ބުޅިޖެހުމުގެ މަސައްކަތުގެ ތެރެއަށް ވަދެވުނީ؟

ޖ: ބުޅިޖެހުމުގެ މަސައްކަތުގެ ތެރެއަށް ވަދެވުނީ 1982ވަނަ އަހަރު އިންޖީނުލީ މަސްދޯންޏެއް އެހެލަން އުޅުމުގެ ތެރޭގައި އަޅުގަނޑުގެ ބުރަކަށިމައްޗަށް ދޯނިވެއްޓި މައިކައްޓަށް ލިބުނު ގެއްލުމާ ހަމައިން. އެހިސާބުން އަޅުގަނޑަކީ އަމިއްލަ ހާލަށް ހިނގުމުން މުޅިން މަހްރޫމް ވެފައިވާ ނުކުޅެދޭމީހެއް. އޭރު އަޅުގަނޑުގެ އަތްބަކާ ދެކުދިން ދުނިޔޭގައި ތިބި. އަޅުގަނޑަށް އަދި އޭރު ކިރިޔާ 25 އަހަރުވީ. ދެން ކޮންމެވެސް އާމްދަނީ ލިބޭ މަސައްކަތެއް ކުރަން ވިސްނާފައި މިކަމުގެ ތެރެއަށް ވަދެވުނީ.

މި މަސައްކަތަކީ ވަރަށް ކަވި އަދި އުނދަގޫ މަސައްކަތެއްކަމަށް ފެންނަނީ. ކިހިނެއްތޯ މިކަމުގެ ހުނަރުތައް ދަސްކުރީ؟

ޖ: ތެދެއް ތިޔައީ. އަޅުގަނޑު މި މަސައްކަތާ ކުރިމަތިލީވެސް އުނދަގޫ އަދި ކަވި މަސައްކަތެއްކަން އެނގިހުރެ ބަލިއެނދުގައި އޮވެގެން މި މަސައްކަތް ކުރުމުގެ ޝައުގުވެރިކަންވެސް ވަރަށް ބޮޑަށްހުރީމަ މިހެންވީ. އަނެއްކާ މި މަސައްކަތް ދަސްކުރީވެސް އަމިއްލަ ވިސްނުމުން. މީހަކު ކައިރިއަކަށް ދަސްކުރާކަށްވެސް ނުދަން. ފުރަތަމަ ހެދިގޮތަކީ މީހަކު ޖަހާފައި އޮތް ބުޅިއެއް ގެނެސްގެން ބެލީ. ދެން އެބުޅި ހަދާފައިވާގޮތް ދިރާސާކޮށް ބެލީމަ ޔަގީންވެސްޖެ މިކަން ވާނެކަން. ދެން ބައިސްކަލްގެ ނަރަކާ، ތޫނުކުރާނެ ފީރެއްހޯދައި ނަރުގެ ދެކޮޅު ތޫނުކޮށްގެން ނަރުކެނޑިއަކުން ބުޅީގެ ސައިޒަށް ލަނބައި ބުޅި ހުންނަންޖެހޭ ގޮތަށް ތިމަރަ އަޅައިގެން ހެދީ. ފުރަތަމަ ބުޅީގައި އެއްސީ ނައިލޯނާ، ހާލުގެ ހުދުފަތް. ދެން ހޮޅިކޮޅު އެރުވީމަ ނިމުނީ. ފަހުންދެން އަޅުގަނޑު މަސައްކަތް ފުޅާވަމުން އައިވަރަކަށް އައު އީޖާދުތައް ކޮށް މަސައްކަތް ވަރަށް ފުޅާވެގެންދިޔަ. އެކަމުގެ ސަބަބުން ރަނގަޅު އާމްދަނީއެއް ލިބި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ދިރިއުޅުމަށްވެސް ލިބިގެންވެސް ދިޔަ. އެކަމުގެ ހެކި ދެއްތޯ މި ހިރީފެންނަން. (އޭނާގެ އަމިއްލަ މަސައްކަތުން ހޯދި ފައިސާއިންނާ މީހުންގެ އެހީތެރިކަމާއެކު އިމާރާތްކޮށްފައިވާ ގެއަށް އިޝާރާތްކޮށް ބުންޏެވެ)

ބުޅި ވިއްކުމަށް ނުވަތަ މާކެޓް ކުރަނީ ކިހިނެއްތޯ. އަދި މިކަމުގައި ހުރި ދަތިތަކަކީ ކޮބާތޯ؟

ޖ: އަޅުގަނޑު ޖަހާ ސަތޯބުޅި ފުރަތަމަ ވިއްކަންފެށީ މިރަށުގެ (އޭދަފުށީގެ) މަސްވެރިންނަށް. ދުވަސްކޮޅަކުން މިބުޅި މިއަތޮޅުގެ މަސްވެރިންގެ ވަރަށް މަގުބޫލް ބުޅިއަކަށްވެއްޖެ. މަސައްކަތް ފުޅާވެގެން ގޮތް ރާއްޖޭގެ އުތުރާ ދެކުނުންވެސް މި މަސައްކަތް މަސްވެރިން ބަލައިގަންނަން ފަށައިފި. އެ ހިސާބުން އޯޑަރުތައްވެސް ލިބެމުންދިޔައީ. އެއީ އެކަން މިހާ ފުޅާވި ގޮތަކީ. އޭރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދޮށީގެ މަސްވެރިކަން ވަރަށް ރަނގަޅު. އެހެންވެ ބުޅި ވިއްކަން އެއްވެސްކަހަލަ ދަތިކަމެއް ނޯވޭ. އެހެންނަމަވެސް މިހާރު މަސްވެރިކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދަށް. އެހެންވެ މާކެޓް ލިބުން މިހާރު ވަރަށް ދައްޗޭ ބުނެވޭނީ.

މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭތޯ. އަދި މިއީ އާމްދަނީ ހޯދުމަށް ރަނގަޅު މަސައްކަތެއްތޯ؟
ޖ: އަޅުގަނޑު ފުރަތަމަ ސަތޯބުޅީގެ މަސައްކަތް ފެށި ދުވަސްވަރަކީ ހުޅަނގު މޫސުމާ، އިރުވައިމޫސުމުގައިވެސް މުޅިރާއްޖެއަށް ވަރަށް ރަނގަޅަށް މަސްބޭނި ދުވަސްކޮޅަކަށްވާތީ، އޭރު ވަރަށް ރަނގަޅު އާމްދަނީއެއް ލިބެމުންދިޔަ. އެހިސާބުން އަޅުގަނޑަށް ވިސްނުނީ މިއީ އާމްދަނީ ހޯދަން ވަރަށް ރަނގަޅު މަސައްކަތެއްކަން. އެގޮތުން ލިބޭ ބޮޑު އާމްދަނީން ދިރިއުޅުމަށް ހަރަދުކުރުމަށްފަހު ރަނގަޅު އެއްޗެއް ރައްކާކުރެވޭ. އޭރު ލިބުނު އާމްދަނީން އަޅުގަނޑަށް ލިބުނު ގޯތީގަ މިހުރީ މި ޒަމާނުގެ ފެންވަރަށް 3 ކޮޓަރިއާ ސިޓިންގް ރޫމެއް ހަދާފައި. މި ގޭގައި މި ދިރިއުޅެނީވެސް. މީގެ އިތުރުން އަޅުގަނޑުގެ 2 ފިރިހެންދަރިންނަށް ރާއްޖެއިން ތައުލީމް ދިނުމަށްފަހު މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ފޮނުވައިގެން ދެ ކުދިން މިހާރުވަނީ ޑިގްރީ ފެންވަރަށްވެސް ކިޔަވާފައި. އެހެންވީމަ މީ ވަރަށްބޮޑުވަރެއް ދެއްތޯ. އެހެންނަމަވެސް އޭރާ ބަލާއިރު މިހާރު މަސްވެރިކަން ދަށްވީމަ އާމްދަނީ ދަށޭ ބުނެވޭނީ.

ބުޅިޖެހުމުގެ މަސައްކަތް ފުޅާކުރުމަށް މަސައްކަތް ކުރައްވަމުންތޯ. އެހެންނަމަ އެއީ ކޮންމަސައްކަތެއްތޯ؟

ޖ: އަޅުގަނޑު ފުރަތަމަ ބުޅިޖެހުމުގެ މަސައްކަތް ފެށި ވަރަށްކުޑަގޮތަކަށް. ފުރަތަމަ މިމަސައްކަތް ފެށީ 10 ވަރަކަށް ބައިސްކަލްގެ ނަރުގަނެގެން އާދައިގެ ކުޑަ ނަރުކެނޑިއެއް ހޯދައިގެން. އޭރާ ބަލާއިރު މިހާރު މި މަސައްކަތް މިވަނީ ވަރަށް ފުޅާކުރެވިފައި. އަދި ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައި. އެކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. ބައިސްކަލް ނަރުގެ ބަދަލުގައި މިހާރު އަޅުގަނޑު ބޭނުން މިކުރަނީ ސްޓީލް ނަރުގެ 3 ސައިޒެއްގެ ނަރު. އަދި ތޫނުކުރަން ބޭނުންކުރާ ފީރު އަތު ހަނަކަށް ބަދަލުވެ މިހާރު މި ބޭނުންކުރަނީ ކަރަންޓް ގްރޭންޑަރެއް. އަދި އެންމެ ފުރަތަމަ ފަޅޯ އޮނު ބޭނުންކޮށްގެން ބުޅިއަށް ތިމަރައެޅި އެޅުން ފައިބަރު ތައްގަނޑަކަށް ބަދަލުވެ މަސައްކަތުގެ ސްޕީޑް ވަރަށްބޮޑަށް އަވަސްވެފައިވެ އެވެ. ކުރިން ދުވާލަކު ހެދެނީ 15 ވަރަކަށް ބުޅި. އެހެންނަމަވެސް މިހާރު ދުވާލަކު 80އާ 100އާ ދެމެދުގެ އަދަދަކަށް ބުޅިހެދޭ. އަދި ފަހަކަށް އައިސް އާ ވައްތެރެއްގެ ބުޅިއެއް އަޅުގަނޑު ވާނީ ތައާރަފްވެސްކޮށްފައި. އެއީ ހާއްސަގޮތެއްގައި ރީލް ދޮށި އުކާމީހުންނާ، ވަދުއަޅާމީހުންނަށް ހާއްސަކޮށް ތައްޔާރުކުރި 3 ސައިޒެއްގެ ބުޅި. މިދެންނެވި 3 ވައްތަރުގެ ބުޅިއަކީ މިހާރު އަޅުގަނޑުގެ މަސައްކަތުގައި ވަރަށް ބޮޑަށް ވިކެމުންދާ އެއްޗެއް. މި ބުޅި ހެދުމަށް ބޭނުންވާ ސާމާނު އަޅުގަނޑު ގެންނަނީ އިންޑިޔާގެ ޓްރިވެންޑްރަމްގެ ޕޫނަދްރާގައިހުންނަ މަސްވެރިކަމުގެ އާލަތްވިއްކާ ފިހާރައަކުން. އެހެންކަމުން މި މަސައްކަތްވެސް ﷲގެ މިންވަރުފުޅުން އެއްދުވަހުން އަނެއްދުވަހަށް ދަނީ ކުރިއަށް. އަދި ވަދުއަޅާ މީހުންނަށް އެކިވައްތަރުތަކުގެ ވަދުވެސް އަޅުގަނޑު މިހާރު މިދަނީ ތައާރަފްކުރަމުން.

މަސްވެރިންނާ ޝަފީގާ ދެމެދު އޮންނަނީ ކޮންކަހަލަ ގުޅުމެއްތޯ؟ އަދި ކިހާ ގިނަ ރައްޓެހިންނެއް މި ދާއިރާގެ ތެރެއިން ދިމާވެފައި އެބަހުރިތޯ؟
ޖ: އަޅުގަނޑާ މަސްވެރިންނާ ދެމެދު އޮންނަނީ ވަރަށް ވަރުގަދަ ބަދަހި ގުޅުމެއް. އެމީހުން ބުނާ ގޮތަކަށް އަޅުގަނޑު ބުޅިހަދާދެން. އެގޮތުން އެމުގެ ތެރެއިން ރެހި، ބޯދި، މިޔަރެން، މުގުރާން، މި ބާވަތުގެ އެމަށް ހަދަންބޭނުންވަނީ ބުޅީގެ ފަތްކޮޅު އެކިކުލަކުލައިން ހެދުމަށް. މިބާވަތުގެ އާހޯދުންތަކާ، ހިޔާލުތައް މަސްވެރިންގެ ފަރާތުން އަޅުގަނޑަށް ލިބޭ. ކޮންމެ ހުކުރު ދުވަހެއްގައިވެސް ހެނދުނު ގަޑިތަކާ، ހަވީރުގެ ގަޑިތަކުގައި މަސްވެރިންގެ ތެރެއިން ގިނަބަޔަކާ ހިޔާލްބަދަލުކޮށް ހެދުމުގެ ސަބަބުން މަސްވެރިންނާއެކު ވަރަށް ބަދަހި ގުޅުމެއް އޮވޭ. ހާއްސަގޮތެއްގައި އަތޮޅުގެ ރަށްރަށުގައިވެސް ވަރަށްގިނަ ރައްޓެހިން މަސްވެރިންގެ ތެރޭގައި ތިބޭނެ. އަދި ރައްޓެހިންނާ ރަހްމަތްތެރިންގެ ފަރާތުން އަޅުގަނޑު މަސައްކަތަށްބޭނުންވާ ހުދު ކުކުޅުފަތާއި، ހާލުފަތް ވަރަށްގިނަ އަދަދަކަށް ލިބޭ. އަދި މީގެއިތުރުން ވެސް ހާއްސަ ރަހްމަތްތެރިއެއް އަތޮޅުގެ ކޮންމެރަށެއްގައިވެސް ހުންނާނެ.

30 އަހަރު މި މަސައްކަތަށް މިހާރު މިފުރުނީ. މި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރުލިބެނީ ކޮންފަރާތްތަކަކުންތޯ؟
ޖ: އަޅުގަނޑަށް މި މަސައްކަތުގައި އެންމެ ހިތްވަރުލިބި، އެހީތެރިވެދީފައިވަނީ ލޮބުވެތި ބައްޕައާ، މަންމަ ނިޔާވަންދެން އެ ދެމީހުންގެ ފަރާތުން. އެ ދެ މީހުންގެ ފަރާތުން އަޅުގަނޑު މި މަސައްކަތް ކުރުމަށް ވަރަށްބޮޑަށް ހިތްވަރުލިބިފައިވޭ. އަދި އޭގެ އިތުރުން އަޅުގަނޑުގެ އަވައްޓެރިންނާ، ރަހްމަތްތެރީންގެ ފަރާތުންވެސް ވަރަށްބޮޑަށް މަސައްކަތުގައި ކުރިޔަށްދިއުމަށް ހިތްވަރު ލިބޭ. ހާއްސަގޮތެއްގައި އާއިލާގެ ފަރާތުން އަޅުގަނޑުގެ މި މަސައްކަތަށް މިހާތަނަށް ކޮށްދީފައިވާ މަސައްކަތަކީ އަގުނުކުރެވޭވަރުގެ އެހީތެރިކަމެއް. ސަބަބަކީ އަޅުގަނޑަކީ ނުކުޅެދޭ މީހަކަށްވެފައި ހިނގާ އުޅެވޭ މީހަކަށް ނުވާތީ. އެހެންކަމުން މި އެންމެންގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރުމުގައި ދެމިހުރުމަށް އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ.

ބުޅީގެ މަސައްކަތުގެ މުސްތަގްބަލާމެދު ދެކެނީ ކިހިނެއްތޯ؟
ސަތޯ ބުޅީގެ މާކެޓް ކުރިއާއަޅާ ބަލާއިރު މިހާރުމިވަނީ ވަރަށްދަށްވެފަ. ސަބަބަކީ 2004ގެ ފަހުން ދޮށިގެ މަސްވެރިކަން ދަށްވެ މަސްނުބާނާތީ. އެހެންކަމުން ސަތޯބުޅީގެ މުސްތަގްބަލް މިވަގުތު ދެންނެވޭނީ ވަރަށް ބަނަކަމަށް. އެހެންނަމަވެސް އަޅުގަނޑު ފަހުން ތައާރަފުކުރި، ރީލްދޮށި އުކާމީހުން ބޭނުންކުރާ ބުޅިއާ، ވަދުއަޅާމީހުން ބޭނުންކުރާ ބުޅީގެ މުސްތަގްބަލް އޮތީ ކުރިއަށް. އެ މަސައްކަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް.

–އަބްދުލްގައްޔޫމް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.