އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ދައުވަތު ދީގެން ބާއްވާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް ކަޕުގައި މިއަދު ހެނދުނު ކުޅުނު މެޗުތައް އަތޮޅުހޮސްޕިޓަލާއި ތައުލީމީ މަރުކަޒުގެ ޓީމު ކާމިޔާބު ކޮށްފި އެވެ.
އޭދަފުށީ އުތުރު ފަރާތު ސްޓޭޖް ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގައި ހެނދުނު ކުޅުުނު ފުރަތަމަ މެޗުގައި ވަތަނިއްޔާ/ޖެންޑާ/ކޯޓް ޓީމާ އަތުން ހޮސްޕިޓަލް މޮޅުވީ 4-1 ން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޮސްޕިޓަލް ޓީމުގެ ތޮލާލު އަބްދުއްރަހްމާނު އެވެ.
ދެވަނަ މެޗުގައި ރަށުކައުންސިލް/ބޭންކް/މީޑިއާ (ބެއޯމީ) އާ ބައްދަލުކޮށް އެންމެފަހުގެ އޮފީސް މުބާރާތުގެ ޗެމްޕިއަން ތައުލީމީ މަރުކަޒުގެ ޓީމު މެޗު ކާމިޔާބުކުރީ 8-4 އިން ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތައުލީމީ މަރުކަޒުގެ މުހައްމަދު އިކްރާމު އެވެ.
މި މުބާރާތުގެ ދެ މެޗު މިއަދު ހަވީރުވެސް އޮންނާނެ އެވެ. ފުތަމަ މެޗުގައި ހޮސްޕިޓަލާ ދެކޮޅަށް ނުކުންނާނީ އޭދަފުށީ ޕޮލިސް ޓީމެވެ. ދެވަނަ މެޗުގައި ތައުލީމީ މަރުކަޒާއި ދެކޮޅަށް ނުކުންނާނީ އަތޮޅު ކައުންސިލެވެ.
މުނިފޫހިފިލުމުގެ ހަރަކާތްތަކަކާއެކު މި މުބާރާތް ރަސްމީކޮށް ފެށުން އޮންނާނީވެސް މިއަދު ހަވީރު އެވެ.
ވަތަނިއްޔާ އިން މެއިން ސްޕޮންސާކޮށްފައިވާ މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އީޓީ އެވެ.