
އިންޓަ އޮފީސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒު އާއި އޭދަފުށީ ޕޮލިސް ހޯދައިފި އެވެ.މުބާރާތުގެ ގްރޫޕް ދޭއްގައި މިއަދު ހަވީރު އަތޮޅުކައުންސިލް އަތުން އެންމެފަހުގެ ޗެމްޕިއަން ތައުލީމީ މަރުކަޒުގެ ގްރެޖުއޭޓް ޓީމް މޮޅުވީ 1- 0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތައުލީމީ މަރުކަޒުގެ ގޯލް ކީޕަރު އިބްރާހިމް ޝަހީދު އެވެ.
ގްރޫޕް އެކެއްގައި އޭދަފުށި ޕޮލިސް އަތޮޅު ހޮސްޕިޓަލް އަތުން މޮޅުވީ 5-3 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ލިސާން އަބޫބަކުރު އެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ފުރަތަމަ މެޗުގައި ހުށިޔާރު (ދިރާގު/ސްޓެލްކޯ/އެސްޓީއޯ) އާ ދެކޮޅަށް ވެގެންކޯ (ވަތަނިއްޔާ/ޖެންޑާ/ކޯޓް) ނުކުންނައިރު، ދެވަނަ މެޗުގައި ޕޮލިސް ގެ ހޭންޑްސް އަޕް ޓީމާ ދެކޮޅަށް ނުކުންނާނީ ބެއޯމީ އެވެ. މި މެޗުތަކުން ބަލިވާ ޓީމްތައް މާދަމާ މުބާރާތުން ކަޓާނެ އެވެ.
ވަތަނިއްޔާ އިން ސްޕޮންސާކޮށްފައިވާ މި މުބާރާތަކީ އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫގު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި ރަށޫ ފެންވަރުގައި ބާއްވާ މުބާރާތް ތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުންވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.