ކުޑަ ވަހީދާއި ސިދުގީ: އަދިވެސް ހަމަ ގޮތުގައި!

ސިދުގީ އަދި ވަހީދު އީޓީ އަށް އިންޓަވިއުދެއްވަނީ -- އީޓީ ފޮޓޯ / ތޯރިގް
ސިދުގީ އަދި ވަހީދު އީޓީ އަށް އިންޓަވިއުދެއްވަނީ — އީޓީ ފޮޓޯ / ތޯރިގް

މި ރަށުގައި ވެސް ބޮޑެތި ރޯގާތަކާއި ބަލިތައް ވަރަށް ގަދައަށް ފެތުރުނެވެ. އެ ބަލިތަކަށް ބޭސްކޮށްދޭން ވެސް ޖެހުނެވެ. މިހާރު ބޮޑު ހޮސްޕިޓަލަކާއި ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުންނާއި މެޝިންތަކާއި ބޭސްފަރުވާގެ އެންމެ ޒަމާނީ ވަސީލަތްތައް ހުއްޓަސް، އެއިން އެއްވެސް އެއްޗަކާ ނުލައި މި ރަށް ބަލިތަކުން މައިތިރިކޮށްފައި ބޭއްވި އަހަރުތަކެއް މާޒީވެއްޖެ އެވެ. އޭގެ މުގުލުގައި އެއް ދުވަސްވަރެއްގައި ތިބި ދެ މީހުންނަކީ ރަށުން ބޭރު ދެ މީހެކެވެ. އެއީ، ތައުރީފު މަސައްކަތެކެވެ. އަހުމަދު ވަހީދު )ކުޑަ ވަހީދު(، 50 އާއި، ސިދްގީ އަބްދުﷲ ، 49،ގެ މަސައްކަތަށް ޝުކުރު އަދާކުރަން ޖެހެ އެވެ. ޒުވާން ދުވަސްވަރު އެ ދެ މީހުން ވެސް ވަޒީފާ އަށް އައިގޮތަކަށް މި ރަށަކުން ނުދެ އެވެ. މިހާރު އެއީ މި ރަށުގެ ވަޒަންވެރިންނެވެ. ކޮންމެ މީހަކު ވެސް މި ރަށުން މީހުންނާ އިނދެ ދަރިން ހޯދައިގެން މިހާރު އެ ތިބީ މި ރަށުގެ ވަޒަންވެރިންގެ ގޮތުގަ އެވެ.

 އުމުރުން އެންމެ 18 އަހަރުގައި ވަހީދު އޭދަފުއްޓަށް އައީ ބީރައްޓެއްސެއްގެ ގޮތުގަ އެވެ. އޭރު މި ރަށުގެ އެކަކު ވެސް އޭނާ ނުދަނެ އެވެ. އެކަމަކު އެންމެންނަށް ވެސް އެނގޭ އެއްކަމެއް އޮތެވެ. ވަހީދަކީ ސަރުކާރުން ރަށަށް ފޮނުވި އާ “ޑޮކްޓަރު” ކަމެވެ.

ވަހީދު އީޓީއަށް އިންޓަވިއުދެއްވަނީ-- ފޮޓޯ / ތޯރިގް
ވަހީދު އީޓީއަށް އިންޓަވިއުދެއްވަނީ– ފޮޓޯ / ތޯރިގް

“އޭރުގައި ވާ ގޮތަކީ ކިޔަވާ ނިމުނީމަ ވަޒީފާ އޮތް ތަނަކަށް ދާން ޖެހެނީ. އޮފީހުން ފޮނުވި ތަނަކަށް ދާން ޖެހެނީ. އެގޮތުން މި ރަށަށް އަންނަން ޖެހުނީ،” އޭދަފުއްޓަށް އަންނަން މެދުވެރިވި ސަބަބާ ބެހޭގޮތުން ވަހީދު ބުންޏެވެ.

އޭދަފުއްޓަށް ވަހީދު އައިއިރު އޭނާ އަށް މަގު ދައްކައިދޭން ހުރީ މި ރަށު އަހްމަދު ހަލީލް ( ސެންޓަރު އަހަންމަދު) އެވެ. މިހާރު އަތޮޅުގެ އެހުރި ތަނުގައި އޭރު ހުރި ސެންޓަރުގައި ބަލި މީހުންނަށް ފަރުވާ ދެމުން އައީ އެ ދެ މީހުން އެކަންޏެވެ. އޭރު އެންމެ ކުޑަމިނުން ސެކެޓްރީއެއް މަސައްކަތު މީހަކު ވެސް ނެތެވެ. ބަލި މީހާ އަށް އިންޖެކްޝަން ޖަހަނީ ވެސް އެ ދެ މީހުންނެވެ. އިންޖެކްޝަން ޖަހަން ބޭނުންކުރާ ސިރިންޖް ދޮންނަނީ ވެސް އެ ދެ މީހުންނެވެ. ސްޓޮކް ބަލަހައްޓަނީ ވެސް ހަމަ އެ ދެ މީހުންނެވެ.

ސިދްގީ އޭދަފުއްޓަށް އައީ 1987 ވަނަ އަހަރު އެވެ. އޭރު ވަހީދުގެ ތަރި މި ރަށުގައި ވަނީ ދިއްލިފަ އެވެ. އޭނާ އޭރު ވަނީ މި ރަށުން ކައިވެންޏެއް ވެސް ކޮށްފަ އެވެ. ދިރިއުޅުމުގެ ބިންގާ މި ރަށުގައި އަޅައިފަ އެވެ. ސިދުގީ ވެސް މި ރަށަށް އައިތާ ދެ އަހަރު ނުވަނީސް، ދިރިއުޅުމުގެ ފަށަން ދަމާލައިފި އެވެ. މި ރަށުގެ އަންހެން ކުއްޖެއްގެ ހިތް އަތުލައިފި އެވެ. އެ ވާހަކަ ދެން ބާއްވަމާ ހިނގާށެވެ.

މީގެ އެތައް އަހަރެއް ކުރިން ވަހީދާއި ސިދްގީ އަކީ މި ރަށުގެ އިތުރުން މުޅި އަތޮޅުގެ އެންމެންގެ ވެސް ފަރުވާ އެވެ. އަތޮޅުވެރިންނާއި ކަތީބުންނަށް ވެސް ނުކުރާ އިހްތިރާމް އެ ދެ މީހުންނަށް ކުރި އެވެ. އެ އިހްތިރާމްގެ އަގު ކިތަންމެ ރަނގަޅަކަށް ވެސް އެ ދެ މީހުން އަދާކޮށްދިނެވެ. މާ ގިނަ ވަސީލަތްތަކެއް އޭރަކު ނެތެވެ. ބަލި މީހުން ބާއްވަން ހުންނަނީ އެންމެ އެނދެކެވެ. ބޭސް އެހާ މަދެވެ. ދަތުރުފަތުރު ވަކިން އުނދަގުލެވެ.

“އޭރު ރިޔަލު ކުދި ދޯނިފަހަރުގައި ދުއްވާފަ ދާން ޖެހެނީ. ހެނދުނު ފުރައިފަ ބައެއް ދުވަސްދުވަހު ދެވޭއިރު ހުންނާނީ އިރު އޮއްސިފައި. ހާއްސަކޮށް ގަދަ ދުވަސްދުވަހު ވަރަށް ހާލުގަ ދަތުރު ކުރަން ޖެހެނީ،” ސިގުދީއާ އެކު އޭދަފުށީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ވަހީދު ބުންޏެވެ.

އެކަމަކު އެ ދެ މީހުންގެ ޝަކުވާއެއް އޭރު ވެސް ނެތެވެ. އެ ހުރިހާ ދަތިތަކަކާ އެކު ވެސް އެ ދެ މީހުންގެ އަޒުމަކަށް ހެދީ ބަލިމީހާގެ ހިތްހަމަޖައްސައިދިނުމެވެ. އެކަމަށްޓަކައި އެ މީހުން އެތައް ވަގުތެއް ހޭދަކުރިއެވެ. އެތައް ގުރުބާނީއެއް އެ މީހުން ވި އެވެ. މި އުނދަގޫ ދަތުރުގައި ހިތްދަތި އެތައް ތަޖްރިބާތަކެއް ވެސް މި ދެ މީހުން ކުރިއެވެ.

“އެންމެ ހިތްދަތިވާ ކަމަކަށް ދިމާވީ މާބަނޑު މީހުން ވިހަން އުޅޭއިރު މަސްތުރަ ނުވަގެން ބައެއް ފަހަރު އުޅެން ޖެހުން،” ވަހީދުގެ ތަޖުރިބާތައް ހިއްސާ ކުރި އެވެ.

ސިދުގީގެ ހިތުގައި މިއަދު ވެސް އެފަދަ ބައެއް ހާދިސާތައް ބިންވަޅު ނެގިފައި އެބަހުއްޓެވެ.

“އެއީ ތުޅާދުއަށް އުދަ އެރި ދުވަހެއް. މުޅި ރަށުގަ ފެން ބޮޑުވެގެން އަޅުގަނޑުމެން އެ ރަށަށް އެ ދުވަހު ފަތިހު ފުރައިގެން ދިޔައީ. ހަމަ ދިޔަ ދުވަހު މާބަނޑު މީހަކަށް ގާތްގަނޑަކަށް ނުވަ މަސް ވެސް ވެފަ އިންދަ ޝޮކެއް ޖެހުނީ. ސްޓްރޯކެއް ޖެހުނީ ބިރުން. އުދަ އެރިއިރު އޭނަ ހުރީ ނަމާދަށް. ދެން މާލެ ގެންދިޔަ މަގުމަތީގަ އަޅުގަނޑުމެން ފަރުވާ ދެމުންދަނިކޮށް ނިޔާވީ،” ސިދުގީ ބުންޏެވެ.

އެފަދަ އެހެން ހާދިސާއެއްގެ ވާހަކަ ވެސް ސިދްގީ އާއި ހިއްސާކުރި އެވެ. މިފަހަރު މި ރަށުގައި ހިނގި ހާދިސާއެކެވެ.

“އެއީ ހަސީނައްތަ )ފޫޅުމާ( އާ އެއްކޮށް ދެ މީހަކު އެއްފަހަރާ ކަހަލަ ގޮތަކަށް ވިއްސަން އުޅުނު ދުވަހެއް. އެ ދުވަހު ސައްޓު (އިޝާން އިބްރާހިމް) މަންމަ ނިޔާވީ ލޭ ހުސްވެގެން. އޭނަ ވިހާފަ ލޭތައް ފޭބީ އަހަރެމެން ދެ މީހުން ކުރިމަތީގަ. ވަހީދު އޭރު އުޅުނީ އެހެން ގެއެއްގަ ގުލްކޯޒް (އައިވީ) ގުޅައިގެން. އެ ވަގުތުގެ އެ މަންޒަރުތައް ވަރަށް ހިތުން ފިލައިގެން ނުދާނެ،” ވަރަށް އަސަރާ އެކު ސިދުގީ ކިޔައިދިނެވެ.

ބަލި މީހާ އަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތެއް ސަރުކާރުގެ ހޮސްޕިޓަލްތަކުން ހިލޭ މިއަދު ލިބުނު ނަމަވެސް ފަރުވާ ހޯދުމަށްޓަކައި ބަލި މީހާގެ އެހީތެރިން އެތައް ތަކްލީފެއް އޭރު އުފުލަން ޖެހުނެވެ.

“އެޑްމިޓް ކުރާނެ އެނދެއް ނެތިއްޔާ ގެއިން އެނދު ހިފައިގެން އަންނާނެ ވަރަށް ގިނަ މީހުން. ދެން ރަށްރަށަށް ދާން ޖެހިއްޖިއްޔާ ދަތުރު ހަމަޖައްސަން ޖެހެނީ ބަލި މީހާގެ އާއިލާގެ ފަރާތުން،” ވަހީދު ބުންޏެވެ.

އޭރު އެހެން ގޮތެއް ނޯވެއެވެ. އެއީ ވަހީދުމެންނަށް ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މީގެ އިތުރުން ބަލިމީހާގެ ޑިމާންޑްތައް ވެސް އޭރު ވަރަށް ތަފާތެވެ. ބަލި މީހާއާ އެންމެ ކައިރީގައި ޑޮކްޓަރު އަބަދުހެން ހުރުމަކީ އޭރު ގިނަ މީހުން ބޭނުންވާ ގޮތެވެ.

“އޭރު ވަރަށް ގިނައިން ބުނާނެ ފަރުވާދޭން ގެއަށް އަންނަން. ދެން ރަށްރަށަށް ގޮސް އުޅޭ އިރު ވެސް ބަލި މީހާގެ އާއިލާގެ މީހުން ބޭނުންވާނެ ބަލިމީހާއާ ވީހާ ވެސް ކައިރީގައި އޮންނަން. ދެން އާއްމުގޮތެއްގައި ބަލިމީހާ އޮންނަ އެނދު ކައިރީގަ ފަތްޖެހި އެނދެއް ބަހައްޓައިގެން އޮންނަނީ. ބައެއް ފަހަރު ހިމަބިހި ކަހަލަ ބަލިތައް ޖެހިފަ ތިބޭ މީހުންނާއި ވަރަށް ކައިރީގަ ވެސް އޮންނަންޖެހޭ،” ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރެއްގެ މަގާމުގައި މިހާރު ހުރި ވަހީދު ބުންޏެވެ.

ކުޑަކުޑަ މުސާރައަކާ އެކު ގޮންޖެހުން ގިނަ ވަޒީފާއެއްގައި ސާބިތުވެ ތިބުމަށް މި ދެ ހިދުމަތްތެރިންނަށް ހިތްވަރު ލިބުނީ އާއްމުންގެ ގިނަ ބައެއްގެ ފަރާތުން ލިބުނު ހިތްހެޔޮ ބަސްތަކުންނެވެ.

“އޭރު ދެން ވަރަށް ފާހަގަކޮށްލެވެނީ ހިތާދޫ. ހިތާދޫގައި ވަރަށް ގިނައިން ދިމާވާނެ މަސްތުރަ ނުވުމުގެ މައްސަލަ އޭރު. ދެން އެކަހަލަ މައްސަލަތައް ދިމާވެގެން އެ ރަށަށް އަޅުގަނޑުމެން ގޮސް ރަނގަޅުކުރީމަ ބުނާނެ މި ސޮރުމެން ހާދަ މޮޅޭ. އެކަހަލަ ބަސްބަސް ދެން ވަރަށް ސިކުނޑީގަ ހަރުލާފަ ހުރޭ،” އަތޮޅު ހޮސްޕިޓަލްގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމް އަދާ ކުރަމުން އަންނަ ސިދުގީ ބުންޏެވެ.

ސިއްހީ ހިދުމަތް އެންމެ ކުރިން ދެމުން އައި އިމާރާތް 1989 ވަނަ އަހަރު ބަދަލުވުމާ ގުޅިގެން އެ ދާއިރާއިން އަތޮޅަށް ކުރިއެރުންތައް އަންނަން ފެށިއެވެ. އެހިސާބުން ފެށިގެން މިހާތަނަށް އައި އިރު ސިއްހީ ދާއިރާއިން ރަށަށް ލިބިފައިވާ ކޮންމެ ކުރިއެރުމެއްގައި ވަހީދު އާއި ސިދުގީ ހިއްސާވެއެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އަޙްމަދު

    މ.މުލަކުގެ އުފަން ދަރިއެއް ގައުމަށްޓަކައި ބ.އަތޮޅުގެ ރައްޔިތުންނަށް ދެއްވި އޯގާތެރި ޚިދުމަތް ބ.އަތޮޅުގެ ރައްޔިތުން ބަލައިގަތުމަކީ މުލަކުގެ ރައްޔިތެއްގެ ހައިސިއްޔަތުން ފަޚުރުވެރިވާ ކަމެއް.އަދި ސިދުޤީބެ ފަދައިން ސިދުޤީބެގެ ދަރީންވެސް ގެންދަނީ އެނަމޫނާ ދައްކަމުން. ޝުކުރިއްޔާ ސިދުޤީބެ އަދި އޭދަފުށީ ޓައިމްސް

    ރައްދު
  2. ޢަބްދުލްމުހައިމިން ޙުސައިން/ އިނގުރައިދޫ

    ޙަޤީޤަތުގައިވެސް ޝުކުރު އަދާ ކުރަން ޖެހޭ ދެބޭފުޅުން. މި ޝުކުރުގައި ކޮއްކޮ އާއި ޢާޞިމާ ވެސް ޝާމިލުކުރަން. ޝުކުރިއްޔާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.