ރޯދަމަހު ޚަރަދުކުރުމުގައި ވިސްނާލުން މުހިއްމު

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު އެ މަހަކީ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ދީނީ އަޅުކަމަށް އިސްކަންދިނުމުގެ ރިވެތި އާދަ އަޅުގަނޑުމެންގެ ފަރާތުން ފެންނަ މަހެކެވެ. މުނިފޫހިފިލުވުމާއި އާއިލީ ގުޅުން ބަދަހިވެގެން ދާމަހެއް ގޮތުގައިވެސް ރަމަޟާންމަސް ބެލެވެ އެވެ. ޢާއިލާގެ އެންމެން އެއް ސުފުރާ މަތިން ކެއުމާއި، ރޯދަމަހުގެ މީރު ކެއުމަށް އިންސާފް ކުރުމަކީ އަޅުގަނޑުމެން އެންމެންގެވެސް އާދަ އެކެވެ.

މި ރިޕޯޓުގައި އަޅުގަނޑު ދައްކަން މިއުޅެނީ ރޯދަ މަހާއި ވަރަށްވެސް ގުޅުން ހުރި ވާހަކަ އެކެވެ. ރޯދަމަހު ކުރެވޭ ‘ބޭކާރު ޚަރަދު’ ގެ ވާހަކަ އެވެ. އިޤްތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓިފައިވާ މި ދުވަސްވަރަކީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ލިބޭ މުސާރައިން ދެކޮޅު ޖައްސާލައިގެން ދިރިއުޅޭ ދުވަސްވަރެކޭ ބުނުމުން ގޯހަކަށް ނުވާނެއެވެ. ނަމަވެސް ރޯދަމަހު ކުރެވޭ ބޭކާރު ޚަރަދު ވެގެންދަނީ ގިނަ ގޭތަކުގައި ކުރެވޭ ބޮޑު އިސްރާފަ ކަށެވެ. އެކަން ގޭގޭ ގެ ޑަސްޓްބިން ތަކަށް ބަލާލުމުން ވަރަށް ރަގަޅަށް ސާބިތުވެގެން ދާނެ އެވެ.

ކާބޯތަކެތީގެ އީދެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ރޯދަމަސް ބެލެވޭއިރު ޚަރަދު ކުރުމުގައި އެއްވެސް މިންގަނޑެއް ނެތި އާންމު ގޮތެއްގައި ތައްޔާރު ނުކުރާ އެތައް ބާވަތެއް އިސްރާފުވާ ވަރަށް ތައްޔާރުކުރެ އެވެ. ގޭގޭގެ ސުފުރާމަތި އިންސާފު ކުރުން ރޯދަވީއްލުމާއި ހަމައިން ފެށިގެން ހާރުކެއުމާއި ހަމައަށް އޮވެ އެވެ. ރޯދަ މަހަށް ވުމުން ސުފުރާމަތި ‘ޚާއްޞަ’ ވާން ޖެހޭނެ ކަމަށް ޤަބޫލުކުރެ ވެ އެވެ.

އެހެންކަމުން ރޯދަމަހު ޚަރަދު ކުރުމުގައި މިހާރަށްވުރެ ބޮޑަށް ވިސްނާލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. ހަމައެކަނި އިސްރާފު ވާތީއެއް ނޫނެވެ. ރޯދަމަހަކީ އަޅުކަމުގެ މައްސަރަށް ވާއިރު އެ މަހުގެ ހެޔޮ ސަވާބާއި ދަރުމަ ލިބިގަތުމަށް ކުރާ މަސައްކަތުގައި އިސްރާފު ކުރުމުގެ އާދަ ނައްތާލައިފިނަމަ ތިބާއަށް ވެސް އެ މަހުގެ ހެޔޮކަން އިތުރުވެގެން ދާނެތީ އެވެ.

–އަލީ ޝަހީމް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.