ވޭތުވެދިޔަ 2013 ވަނަ އަހަރަކީ ނިސްބަތުން އޭދަފުށީގައި ގިނަ ހަރަކާތްތަކެއް ހިނގި އަހަރެކޭ ނުބުނެވޭނެއެވެ. އެ އަހަރު ރަށުގެ ގިނަ ބަޔަކު ޝާމިލް ވެގެން އުޅުނީ ސިޔާސީ ކަންކަމުގައި ބުނުމަކީ ދޮކަށް ނުވާނެއެވެ.
ތިރީގައި އެވަނީ 2013 ވަނަ އަހަރު އޭދަފުށީގައި ހިނގި މުހިންމު ކަންކަމަށް އަލިއަޅުވާލެވިފައިވާ ލިޔުމެކެވެ.
ބަހިއްޔާ ޕްރީ ސްކޫލްގައި ވިލާ ކޮލެޖްގެ ކަރިކިއުލަމް އަށް ކިޔަވައިދިނުން
ދިރާސީ އާ އަހަރު ބަހިއްޔާ ޕްރީ ސްކޫލްގައި ކިޔަވައިދޭން ފެށީ ވިލާ ކޮލެޖުން ތައްޔާރުކޮށްފައިވާ ކަރިކިއުލަމް އާ އެއްގޮތަށް އެކޮލެޖުގެ ބެލުމުގެ ދަށުންޕްރީ ސްކޫލްގެ ކިޔަވައިދިނުމުގެ ކަންކަން ހިންގާގޮތަށެވެ. މިގޮތަށް ހަމަޖެހުނީ ވިލާ ކޮލެޖުގެ ކެމްޕަހެއް ބަހިއްޔާ ޕްރީކޫލްގައި ހިންގުމާ ބެހޭގޮތުން އޭދަފުށީ ކައުންސިލް އިދާރާ އާއެކު ވިލާކޮލެޖް އެއްބަސް ވެވިގެންނެވެ. އިންޓަނޭޝަނަލް ފެންވަރުގެ ޕްރީ ސްކޫލެއް ހިންގަން ރަށުކައުންސިލުން ގަސްތުކުރައްވާފައި އޮތް ނަމަވެސް އަހަރު ނިމިނުއިރު އެކަމަށް އަމަލީ ސިފަ ގެނެވިފައެއް ނުވެއެވެ.
ވިލާ ކޮލެޖުގެ ކެމްޕަހެއް އޭދަފުށީގައި ހުޅުވުން
2013 ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހަކީ އޭދަފުށީގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ހުޅުވުނު ދުވަހެވެ. ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަން ލެވެލް އަދި އަދި ފަސްޓް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ހުޅުވި މި ކެމްޕަހުގައި އަހަރު ނިމުނުއިރު އައިޓީ ދާއިރާއިންނާއި، ބިޒްނަސް ދާއިރާއިން ސެޓްފިކެޓް 3 ގެ ލެވެލް އަދި ފައުންޑޭޝަން ކޯސް ހިންގާފައި ވެއެވެ. އަދި މެއި 3 ވަނަ ދުވަހު ބިޒްނަސް އެޑްމިނިސްޓްރޭޝަން ރޮގުން ޑިގްރީ ޕްރޮގްރާމެއް ފެށި ހިންގަމުން އައިސްފައި ވެއެވެ.
އެފް. އޭ. އެމް ޔޫތު ޗެމްޕިއަން ޝިޕްގައި އޭދަފުށީ ފުޓްބޯޅަ ޓީމެއް
2013 ވަނަ އަހަރު ޖެނުއަރީ މަހު މާލޭގައި އޮތް އެފް. އޭ. އެމް. ޔޫތު ޗެމްޕިއަންޝިޕް ގައި އޭދަފުށީގެ ޓީމެއް ބައިވެރިވިއެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި މާޒިޔާ، އޭވައިއެލް. އާއި ވީބީ އައްޑޫ އެފްސީ އާއެކު ކުޅުނެވެ. މި ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރިއެވެ.
އަތޮޅު ފެރީ ދަތުރު ހުއްޓާލާފައި އޮތުމަށްފަހު އަލުން ފެށުން
ދީބާޖާ އިންވެސްޓްމެންޓް ގެފަރާތުން ނ. ރ. ބ. ޅ. އަތޮޅުގައި ކުރަމުން އައި ފެރީ ދަތުރުތައް 2012 ވަނަ އަހަރު ފަހުކޮޅު ހުއްޓާލާފައި އޮތުމަށްފަހު ޖެނުއަރީ ގައި އަލުން އެ ދަތުރުތަޢް ފެށިއެވެ. މި ޚިދުމަތް އަލުން ދޭންފެށިއިރު، ޚިދުމަތް މެދުކެނޑިފައިވާތީ، އެކަން ކުށްވެރިކޮށް އަތޮޅު ކައުންސިލްގެ ފަރާތުން ނޫސް ބަޔާނެއްވަނީ ނެރެފަ އެވެ.
އޭދަފުށީގައި ފުޓްބޯޅަދަނޑެއް އެޅުމުގެ މަސައްކަތް
އޭދަފުށީގައި 2013 ވަނަ އަހަރު ފުޓްބޯޅަ ދަނޑެއް އަޅުއްވައިދެއްވާނެކަމަށް އޭރުގެ ކުޅިވަރާބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) 19 ޖެނުއަރީ ގައި ޓްވީޓް ކުރެއްވިއެވެ. އޭދަފުށިގައި ފުޓްބޯޅަ ދަނޑެއް އެޅޭނެ އެއްވެސް ގޮތެއް ނެތްތޯ މިރަށު ޒުވާނަކު ކޮށްފައިވާ ޓްވީޓެއްގެ ޖަވާބުގައި މިނިސްޓަރ އެހެން ވިދާޅުވިނަމަވެސް އަހަރު ނިމިނުއިރު ދަނޑާބެހޭ އެއްވެސް ކަމެއް އެމިނިސްޓްރީން ވަނީ ނުކޮށެވެ.
ވިޔަފާރި އުސޫލުން އޭދަފުށިގައި އިންޓަނޭޝަނަލް ޓާފް ދަނޑަކާއި، ފުޓްބޯލް ޓްރޭނިންގ ސެންޓަރެއް ގާއިމުކުރުމަށް އަމިއްލަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް، ރަށުކައުންސިލަށް އެކަން ހުށަހެޅުމުން އެމައްސަލަ ކައުންސިލްގެ ޖަލްސާއިން ބޭރުކޮށްލި ޚަބަރު އާންމު ވިއެވެ.
ދަނޑު ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތަކަށް އާންމުކޮށް ހުޅުވާލުމަށް އެދި ރަށުގެ 500 އަށް ވުރެ ގިނަމީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވޭތުވެދިޔަ އަހަރު ރަށުކައުންސިލަށް ހުށަހެޅިނަމަވެސް، މިހާރު މުބާރާތް ހިންގާ ދަނޑުގެ ވަށާފާރު ރާނަންފެށުން ފިޔަވާ ދަނޑުގެ އެއްވެސް މަސައްކަތެއް އަހަރު ނިމުނުއިރު ވަނީ ނުކުރެވިއެވެ.
އަންހެނުންގެ ކޮމެޓީގެ ނައިޓް މާކެޓް
އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވޭތުވެދިޔަ އަހަރު 2 ނައިޓްމާކެޓް ބާއްވާފައި ވެއެވެ. ރަށުގެ ވިޔަފާރިވެރިންނާއި އާންމު ފަރުދުންނަށްވެސް ހުޅުވާލައިގެން މާޗް މަހާއި، ޖުލައި މަހު ސްޓޭޖް ސަރަހައްދުގައި ބޭއްވި މި ނައިޓްމާކެޓަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.
ވިލާ ކޮލެޖުން އޭދަފުށީގައި ޑިގްރީއަށް ކިޔަވައިދިނުން
އޭދަފުށީގައި ފުރަތަމަ ފަހަރަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުން އިފްތިތާހުކުރުން އޮތީ 3 މެއި 2013 ދުވަހުއެވެ. ވިލާ ކޮލެޖް އޭދަފުށި ކެމްޕަހުގައި ފެށި ބެޗްލަސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސް އިފްތިތާހުކުރުމާއި ކޯހުގައި ބައިވެރިވި ދަރިވަރުންނަށް މަރްހަބާކިއުމަށް ބޭއްވި ޖަލްސާ އޮތީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
ވެކްސިން ހަފްތާ ގައުމީ ފެންވަރުގައި ފާހަގަކުރުން
ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ ވެކްސިން ދިނުމުގެ ހަފްތާ ވޭތުވެދިޔަ އަހަރު ގައުމީ ފެންވަރުގައި ފާހަގަކުރީ އޭދަފުށިގައެވެ. މެއި 28 ން 30 ގެ ނިޔަލަށް ފާހަގަކުރި މި ހަފްތާގައި ޑަބްލިޔު. އެޗް. އޯ. އާއި ޔުނިސެފްގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މަންދޫބުން ބައިވެރިވި އެވެ.
ގައުމީ ފެންވަރުގެ ރަސްމީ ޖަލްސާއަކާއި، ވެކްސިން އާއިބެހޭ ވޯކްޝޮޕަކާއި، މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވިއެވެ. ނިންމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި، 2012 ވަނަ އަހަރު ވެކްސިން ދިނުމުގެ ހަރަކާތްތައް ހުރިހާ ގޮތަކުން އެންމެ ރަގަޅަށް ހިންގާފައިވާ އަތޮޅަށް ދޭ އެވޯޑް މި އަތޮޅަށް ހަވާލުކުރިއެވެ.
ދަންޖެހިގެން 2 މީހަކު މަރުވުން
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތްކުރި ބިދޭޓީޗަރެއްކަމުގައިވާ މިސްޓަރ ސަތީޝް ރާޖް ދަން ޖެހިގެން މަރުވީ 12 މެއި ދުވަހުއެވެ. އޭނާ ދިރިއުޅޭ ކޮޓަރީގައި ދަންޖެހިފައި ހުއްޓާ ފެނުނީ އެދުވަހު ހެނދުނު ގާތްގަޑަކަށް 9.30 އެހާކަން ހާއިރުއެވެ. މީގެ އިތުރުން މާޗްމަހުގެ 20 ވަނަ ދުވަހު ފަތިހު ބ. އޭދަފުށި/ އަޅިވިލާގޭ ޒަކަރިއްޔާ އަލީ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނެވެ.
މާއްޑޫ އޭދަފުށީ ކައުންސިލަށް ނެގުން
މާއްޑޫ، އޭދަފުށިގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ކެބިނެޓަށް ހުޅަހަޅަން ނިންމައި، އެރަށް ވަގުތީގޮތުން އޭދަފުށީ ކައުންސިލަށް ނެގީ ވޭތުވެތިޔަ އަހަރު މެދުތެރޭގައެވެ.
ވަރުވާގެ އުސޫލުން މީގެ 25 އަހަރުކުރިން މ. ބަގީޗާގޭ ކުޑަ ސިއްތިއަށް ދޫކޮށްފައިވާ މާއްޑޫގެ އެއްބަސްވުމާ ޚިލާފަށް މަސައްކަތްތަކެއް ކޮށް އަދި ބަންޑާރަލުޑިގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ފުނަގަސްތަކެއް އެރަށުން ބޭރުކުރަން އުޅުނުމައްސަލައެއް ފެންމަތިވެ، އޭދަފުށީ އޭދަފުށީ ކައުންސިލަށް ހަވާލުކުރި މާއްޑޫއަކީއޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެކަމަށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ 24 އޯގަސްޓް 2013 ދުވަހުގެ ރޭ އޭދަފުށީގައި އިއުލާންވެސް ކުރެއްވިއެވެ. ނަމަވެސް އެރަށް ކުޑަސިއްތި އަތުން ނެގުމަށް އެގްރިކަލްޗަރ މިނިސްޓްރީން އަންގާފައިވާ އެންގުން ބާތިލިކޮށްދިނުމަށް އެދި އޭނާ ސިވިލްކޯޓަށް ހުށަހެޅުމުން ކުޑަސިއްތިއަތުން ވަކިނުކުރުމަށް ސިވިލްކޯޓުން ވަގުތީ އަމުރެއް ނެރުނެވެ.
ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނަންފެށުން
ޔޫތު މިނިސްޓްރީގެ އެހީއާއެކު އޭދަފުށީ ކައުންސިލް އިދާރާއިން އިސް ނަގައިގެން އޭދަފުށީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އޮކްޓޯބަރު މަހު ފެށިފައި ވެއެވެ. އަހަރު ނިމުނު އިރު ވަށާފާރުގެ ބޮޑުބައެއްވަނީ ނިމިފައެވެ.
މަދިރި ނައްތާލުމުގެ ޕްރޮގްރާމެއް ހިންގުން
ލަނޑާގިރާވަރު ރިސޯޓުން އިސް ނަގައިގެން އޭދަފުށިން މަދިރި ނައްތާލުމުގެ ޕްރޮގްރާމެއް އޯގަސްޓްމަހު ކުރިއަށް ގެންދިޔައެވެ. 10 ދުވަހަށް ހިންގި މި ޕްރޮގްރާމްގައި އޭދަފުށީގައި ހުރި މަދިރި އުފެދޭ ތަންތަން ބަލައި އެތަންތަން ސާފުކޮށްފައިވެއެވެ. އަދި ހޭލުންތެރިކުރުމުގެ ސެޝަނެއް ސްކޫލްކުދިންނަށް ހިންގާފައިވެއެވެ.
ގެސްޓް ހައުސްވިޔަފާރި ފެށުން
![އޭދަފުށީގައި ފުރަތަމަ ހުޅުވި ގެސްޓްހައުސް ރައީސް ނަޝިދު ހުޅުވައިދެއްވަނީ](https://www.eydhafushitimes.com/live/wp-content/uploads/2014/04/gest-house.jpg)
އޭދަފުށިގައި ގެސްޓް ހައުސް ވިޔަފާރި ފެށުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދިނުމަށް ރަށު ކައުންސުލް އިދާރާއިން ނިންމާފައިވީ ނަމަވެސް 28 ޑިސެމްބަރ 2013 ދުވަހު އޭދަފުށިގައި ރަސްމީކޮށް އެ ވިޔަފާރި ފެށިއެވެ. އޭދަފުށީ ޗާނދަނީ ވިލާ ގޭގައި ”ހައުސް ދި ކޯރަލް ” ގެ ނަމުގައި ޚިދުމަތް ދޭންފެށި މި ގެސްޓްހައުސް ހުޅުވާފައިވަނީ ޓޫރިޒަމް މިނިސްޓްރީން އެކަމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމަށްފަހުގައެވެ.
ބިން ހިއްކުމުގެ މަޝްރޫޢު
އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2013 ވަނަ އަހަރު އޭދަފުށީ ބިން ހިއްކަން ހައުސިން މިނިސްޓްރީން ނިންމެވިކަން އިއުލާން ކުރެވިގެން ދިޔައީ ޖެނުއަރީ މަހުގެ ތެރޭގައެވެ. ހައުސިން މިނިސްޓަރ ޓީ. ވީ. އެމް. އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރަށާއެކު 5 ރަށެއްގެ ބިން މިއަހަރު ހިއްކާނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ހަވާލުކޮށްގެންކަމަށެވެ. ނަމަވެސް އޭގެ ހަފްތާއެއްގެ ފަހުން ޚަބަރު ލިބުނީ ބިން ހިއްކުމަށް އެޗް. ޑީ. ސީ އަށް ހަވާލުކުރި ރަށް ތަކުގެ ތެރެއިން އޭދަފުށި އުނިވި ޚަބަރެވެ. ނަމަވެސް އޭގެ ފަހުން ހައުސިން މިނިސްޓްރީގެ ޓީމެއް އޭދަފުށްޓަށް ޒިޔާރަތް ކުރައްވައި އޭދަފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުންވިދާޅުވެފައިވަނީ ބިން ހިއްކުމުގެ ޕްރޮޖެކްޓް މިހާރުވަނީ މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލުމުގެ މަރުހަލާގައި ކަމަށެވެ. އަދި އެއަށްފަހު ބިޑަށް ހުޅުވާލުމާއި، ރަށުގެ އިރު ދެކުނު ފަރާތުން12 ހެކްޓަރުގެ ސަރަހައްދެއް ހިއްކާގޮތަށް ކަމަށެވެ.
އޭގެ މަހެއްހާދުވަސް ފަހުން ޚަބަރު ލިބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އޭދަފުށްޓާއެކު އިތުރު 3 ރަށެއްގެ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން ބީލަމަށް ލި ޚަބަރެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން 25.79 ހެކްޓަރ ބިން ހިއްކާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
އިތުރު 5 ރަށަކާއެކު އޭދަފުށީ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް ސެޕްޓެމްބަރ މަހު 2 ވަނަ ފަހަރަށް އިއުލާން ކުރެވިގެން ދިޔައެވެ، ނަމަވެސް 2013 ވަނަ އަހަރު ނިމިގެން ދިޔައީ އޭދަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށިއެވެ.
ކުޅިވަރު
ވޭތުވެދިޔަ އަހަރު އެފް. އޭ. އެމް. ޔޫތު ޗެމްޕިއަންޝިޕް ގައި އޭދަފުށީގެ ފުޓްބޯޅަ ޓީމެއް ފުރަތަމ ފަހަރަށް ބައިވެރިވިއެވެ.
6 ވަނަ އަތޮޅު ލީގު ގައުމީ ބެޑްމިންޓަން މުބާރާތުގައި އޭދފުށީ ބީ. ޑީ. ސީ. ބައިވެރިވެ ޖެހިޖެހިގެން ދެވަނަފަހަރަށް ޓީމް އިވެންޓް ޗެމްޕިއަން ދިފާއުކުރިއެވެ. އަދި މި މުބާރާތުގެ އިންޑިވިޖުއަލް ޗެމްޕިއަން ކުޅުންތެރިއަކީ ތޮލާލް ޢަބްދުއްރަޙްމާން އެވެ.
އެސް ޓީ އޯ އިން އިންތިޒާމް ކޮށްގެން މާލޭގައި ބޭއްވި ބަށީ މުބާރާތުގައި އޭދަފުށީގެ ބަށިޓީމެއް ބައިވެރިވިއެވެ.
އޭދަފުށީގައި ހުރި އޮފީސްތަކަށް ހުޅުވާލައިގެން ” އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖް 2013 ” ގެ ނަމުގައި އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިސް ނަގައިގެން ފުޓްސަލް މުބާރާތެއް ބޭއްވިއެވެ.
ސީ ސީ ފުޓްސަލް މުބާރާތް ވޭތުވެދިޔަ އަހަރުވެސް ބޭއްވިއެވެ. ސްޓޭޖް ސަރަހައްދުގައި ބޭއްވި މި މުބާރާތަކީ ކުޑައީދުގެ މުނާސަބަތުގައި ބޭއްވި މުބާރާތެކެވެ.
ނަރުހުންގެ ދުވަހު ބ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ބަށި މުބާރާތެއް ބާއްވާފައި ވެއެވެ.
ދަ ބިގިނާސް ގެފަރާތުން ކޮންމެ އަހަރަކު ރަމަޝާން މަހުގެ މުނާސަބަތުގައި ބާއްވާ ތްރީ އޮން ތްރީ ފުޓްސެލް މުބާރާތް މިދިޔަ އަހަރުވެސް ބާއްވާފައި ވެއެވެ.
އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން އެއަހަރު ބޮޑު އީދުގައި ”ޔޫސުފަކަލޭފާނުގެ ހަނދާނީ ވާދައިގެ ތަށީ” ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވެއެވެ.
ކްލަބް ސީ. ސީ. ގެ ފަރާތުން އިންތިޒާމްކޮށްގެން އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް ވޭތުވެދިޔަ އަހަރުވެސް ބާއްވާފައި ވެއެވެ، މި މުބާރާތުގައި 6 ރިސޯޓަކުން ބައިވެރިވިއެވެ. މުބާރާތުގެ ޗެމްޕިއަން އަކީ ސޮނެވަފުށި ޓީމެވެ.
ޗެމްޕިއަންޓީމަށް -/30000 ރުފިޔާ ހުށަހަޅައިގެން ބ. އަތޮޅުގއި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ” ރެޑްވޭވް ބާ އެޓޯލް ޗެލެންޖްކަޕް 2013 ” މި ދިޔަ އަހަރުވެސް ބާއްވާފައި ވެއެވެ. އޭދަފުށީ ޔޫ ސްޕޯޓްސްގެ ފަރާތުން އިންތިޒާމް ކުރި މިމުބާރާތުގައި އޭދަފުށީގެ އިތުރުން ފެހެންދޫ، މާޅޮސް، ކެންދޫ، ދަރަވަންދޫ، ކުޑަރިކިލު، ދޮންފަންގެ އިތުރުން ގޮއިދޫ ބައިވެރިވިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓިމަކީ އޭދަފުށި ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އަލީ ފާސިރު (ސެންޓޭ) އެވެ.
ރިޔާސީ ކެންޑިޑޭޓުން އޭދަފުށްޓަށް
2013 ވަނަ އަހަރުގެ ރިޔާސީ އިންތިކާބަށް ކުރިމަތި ލައްވާފައިވާ ރިޔާސީ 3 ކެންޑިޑޭޓުން އޭދަފުށްޓަށް ވަޑައިގެން ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވާފައި ވެއެވެ. މިގޮތުން ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ދެފަހަރަށް އޭދަފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާތަކުގައި އޭދަފުށީގެ ފަޅު ހިއްކުމާއި ބަނދަރު ހައްދަވައިދެއްވާނެކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމަށާއި، ހުރަސްވާޓަރު މަރާމާތުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންވިއެވެ.
އެމް ޑީ ޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އޭދަފުށްޓަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ރަށުގެ ފަޅު ހިއްކަވައިދެއްވާނެކަމަށާއި، އޭދަފުށީގައި ބައިނަލް އަގްވާމީ ފުޓްބޯޅަ ދަނޑެއް އަދި ޓާފް ދަނޑެއްވެސް އަލުއްވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
ގައުމީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ ޑ. މުހައްމަދު ވަހީދު ހަސަންމަނިކު އޭދަފުށްޓަށް ވަޑައިގެން ޖަލްސާއެއް ބާއްވާފައި ވެއެވެ. މި ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެތެރޭގައި މާއްޑުއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ވަރަށް އަވަހަށް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.
ރިޔާސީ ކެންޑިޑޭޓުންގެ އިތުރުން ކެންޑިޑޭޓުންގެ ރަނިންމޭޓުން ވެސް އޭދަފުށްޓަށް ވަޑައިގެން ޖަލްސާތައް ބާއްވާފައި ވެއެވެ.
އަހަރު ނިމިގެން ދިޔައީ ފޯރިގަދަ ކެމްޕޭން ހަރަކާތްތަކާއެކު ބޭއްވި ދިގުލައިގެން ދިޔަ ރިޔާސީ އިންތިޚާބު ވެސް ނިމިގެންނެވެ.