އޭދަފުށީގެ “ރާނީ”

މަރިޔަމް ރަހުމާ
މަރިޔަމް ރަހުމާ

 

އޭނާގެ ހަގީގީ ނަމަކީ ރާނީ އެވެ. އޭނާ އަކީ އޭދަފުށީގެ ވެސް “ރާނީ” އެވެ. ހަގީގަތަކީ، އޭނާ ނޫން ރަށުން ބޭރު، ރާއްޖެއިން ވެސް ބޭރު މީހަކު މި ރަށުގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ނުދާ ކަމެވެ. އޭނާއަކީ މިހާރު މި ރަށުގައި ބާރުގަދަ އަންހެނެކެވެ. މި ރަށަށް ހިޖުރަކުރި ފަހުން، ރަހުމާއޭ ބުނީމަ ނުދަންނަ އޭދަފުށީ މީހަކު މި ފަސްގަނޑުގައި ހުރުމަކީ ނާދިރު ކަމެކެވެ. އެހެންވެ، އެއީ މި ރަށުގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ވެސް އެންމެ ކުރީ ސަފުގައި ހިމެނޭ އެކަކޭ ބުނެލައިގެން ފުއްދާލެވެން އެބައޮތެވެ.

Raniރަހުމާ މި ރަށަށް އައީ މި ރަށުން މީހަކާ އިނދެގެން، މީގެ ބާވީހަކަށް އަހަރު ކުރިންނެވެ. އޭނާގެ ފުރިހަމަ ނަމަކީ ރާނީ ޑިލެކްރޫޒް އެވެ. އެކަމަކު މި ރަށު ޝާދީވިލާ އަހުމަދު ނާޝިދާ ދިމާވެ، ކައިވެންޏާ ހަމައަށް ދިއުމުން އޭނާ މުސްލިމަކަށްވެ، މަރިޔަމް ރަހުމާގެ ނަމަށް ބަދަލުވި އެވެ. އެކަމަކު ސިންގަޕޫރު ނޫހެއްގައި އޮތް އިޝްތިހާރެއް ފެނިގެން ރާއްޖެ އަށް ވަޒީފާއަކަށް އައި ޒުވާން އަންހެން ކުއްޖާގެ ދިރިއުޅުން މިހެން ބަދަލުވެގެން ހިނގައިދާނެ ކަމަށް އޭނާ ފަހަރެއްގައި ވެސް ހިޔެއް ނުކުރެ އެވެ.

“މިހެން ރަށަކަށް އައިސް ދިރިއުޅެން ޖެހިދާނެ ކަމަކަށް ދުވަހަކު ވެސް ހިޔެއް ނުކުރަން. ރަށު މީހަކާ ނީނދެ ދިވެއްސަކާ އިންނަން ޖެހުނީ ތަގުދީރު ދިމާކުރި ގޮތުން،” މިހާރު ފަސޭހަކަމާ އެކު ދިވެހި ބަހުން ވާހަކަ ދައްކާ ރަހުމާ ބުންޏެވެ. “ރާއްޖެ އައިސް ރިސޯޓްގައި ކުޑަދުވަސްކޮޅަކު މަސައްކަތް ކޮށްފައި ދެ ބަދަލުވީ ހޮޓެލް އެލިޔާ އަށް. އޭގެ ފަހުން ސީގަލް އެއާލާއިންގައި ކުރޫއަކަށް ވެސް މަސައްކަތް ކުރިން.”

ރަހްމާ މި ރަށަށް މުޅިންބަދަލުވީ ކުއްޖަކު ލިބުމުން ދަރިފުޅު ބެލުމަށެވެ. ދަރިފޅަށް ރަނގަޅު ތައުލީމެއްހޯދައިދިނުމަށެވެ. އަދި ފިރިމީހާގެ ވިޔަފާރި ބެލެހެއްޓުމަށެވެ. އެ މަސައްކަތުގައި މިހާރު ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އޭނާ އެވެ. އޭނާގެ ޓާގެޓަކީ ފިރިމީހާގެ ވިޔަފާރި ވީހާ ފުޅާކޮށް، ރެސްޓޯރަންޓެއް ނުވަތަ ހޮޓަލެއް ހުޅުވުމެވެ.

1625579_1427049510870774_484095466_nރަހުމާ އަކީ އަންހެނެއް ނަމަވެސް، އާދަޔާ ހިލާފު އަންހެނެކެވެ. އޭނާ އަކީ މި ރަށު އެންމެން ވެސް ގަބޫލުކުރާ ގޮތުގައި މުރާލި އަންހެނެކެވެ. ހީވާގި އަދި ކެރޭ އަންހެނެކެވެ. އެއާ އެކު، ބޭރު މީހަކަށް ވިޔަސް، އޭނާގެ ރައްޓެހިން ވެސް މި ރަށުގައި އެހާ ގިނަ އެވެ. ރަށުގައި ބާއްވާ ތަފާތު ހަރަކާތްތަކުގައި ލީޑާޝިޕް ނަގައިގެން އޭނާ އުޅެ އެވެ. އިޖުތިމާއީ ގޮތުން ހިންގާ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކަށް އޭނާ އެހީތެރި ވެދެ އެވެ. އެހެންކަމުން މި ރަށުގެ ވަރަށް ގިނަ ބައެއްގެ ލޯބި އޭނާ އަށް ލިބިފައިވެ އެވެ. އެހެންވެ، ރަށުގައި އޭނާ އަށް އާންމުކޮށް ކިޔައި އުޅެނީ ވެސް “ރަހުމައްތަ” އެވެ.

10008607_1433124653596593_1203711907_n“ޕީޓީއޭގެ ނައިބް ރައީސަކަށް މިހާރު މިއުޅެނީ. އަދި ސްކޫލު ބޯޑު މެންބަރުކަން ވެސް ކުރަން. އޭގެ އިތުރުން މިރަށު ކްލަބު ކޮމްބިނޭޝަން (ސީސީ) ގެ އަންހެނުންގެ ގޮފީގެ ރައީސްކަންވެސް ކުރަމުން މިދަނީ. އަދި ވަގުތު ބޭކާރުނުކޮށް ހުސްވަގުތުގައި ފޯއްޕެކެޓް ހެދުމާއި  ބާތުޑޭ ޕާޓީ އަދި ވެޑިން ޕާޓީތަކަށް ޚާއްސަ ކޭކު އެޅުމާއި، ފެހުމުގެ މަސައްކަތް ކުރަން،” ރަހުމާ ބުންޏެވެ.

ރަށުގައި ދަރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން، ވިޔަފާރީގެ ހުރިހާ ކަމެއް ބަލަހައްޓަމުން، އަދި ރަށުގައި ކުރަމުން އަންނަ އެކި ކަންތައްތަކުގައި ވެސް ބައިވެރިވަމުން ދާއިރު އޭނާގެ ކޮންމެ ދުވަހެއް ވެސް އޮންނަނީ ވަރަށް ބިޒީ ދުވަހަކަށް ވެފަ އެވެ. އެހެން ނަމަވެސް، ރާއްޖޭގައި އުޅެންފެށި ފަހުން އޭނާގެ އާއިލާގެ މަތިން ހަނދާން ނައްތަލެއް ނުލަ އެވެ. އޭނާގެ އަމިއްލަ ގައުމުގައި ތިބި އާއިލާގެ މީހުންނާ ފޯނުންނާއި ސްކައިޕް މެދުވެރިކޮށް ގުޅުން ބާއްވަ އެވެ.

ރަހުމާ އަކީ މިހާރު އަސްލު މި ރަށު މީހެކެވެ. މި ރަށަށް އޭނާގެ ހާއްސަ ލޯތްބެއް މިހާރު އެބައޮތެވެ. މި ރަށުގައި ދިރިއުޅުމަކީ މިހާރު އޭނާ އަށް ފަސޭހަ ކަމެކެވެ.

“އެއްވެސް ކަހަލަ ދަތިކަމަކާ ދިމައެއް ނުވޭ. އާއިލާ އާއި ފިރިމީހާ އަދި ރަށުގެ އެންމެން ވެސް ވަރަށް ގުޅޭ. ވަރަށް އެއްބާރުލުން ލިބޭ. މި ރަށުގައި އުޅެން ވަރަށް ފަސޭހަ. މިއީ ހަމަ އަމިއްލަ ރަށް ކަމަށް އަޅުގަނޑު ދެކެނީ. ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.”

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.