އަބްދުއްރަހުމާން: މަދުން ނޫނީ ނުފެންނަ ވަރުގެ ޝަހުސިއްޔަތެއް

ރަހުމާނުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން1994ވަނަ އަހަރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން ވަނީ ހަނދާނީ ލިޔުމެއް ދެނީ
ރަހުމާނުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން1994ވަނަ އަހަރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން  ހަނދާނީ ލިޔުމެއް ދެނީ

 

އޭނާގެ ވާހަކަ ކޮންމެ ހިސާބަކުން ވެސް ފެށިދާނެ އެވެ؛ މުޅި ރަށުގެ ހަތަރު ބިތުގައި އޭނާގެ އަޑު ނުޖެހޭ އެއްވެސް ހިސާބެއް ނޯންނާނެކަން އެއީ ހަމަ ޔަގީން ކަމެކެވެ. ނުކޮށްދޭ ހިދުމަތެއް ނެތެވެ. އެންމެ ކުރުކޮށް، އެންމެ ޖުމްލައަކުން ނިންމާލަމާތޯ އެވެ! އޭނާ އަކީ މި ރަށުން ވެސް، އަދި އެހެން ރަށަކުން ވިޔަސް، މަދުން ނޫނީ ނުފެންނާނެ ވަރުގެ “ވަރުގަދަ ލީޑަރެކެވެ”. އެހާމެ އަގުހުރި ހިދުމަތްތެރިއެކެވެ. ހިދުމަތުގެ ސާފު، ތާރީހީ ރެކޯޑެއް އޮތް ޝަޚުސިއްޔަތެއް ވެސް މެ އެވެ.

މި ރަށު މާފަރު އަބްދުއްރަހުމާން ހަސަން އެހެން މީހުންނާ ތަފާތުވަނީ މި ސަބަބުތަކާ ހެދި އެވެ؛ އެއްވެސް ތާޅަފިއްޔެއް، އެއްވެސް އިސްޕީކަރެއް ނެތް ޒަމާނުގައި އޭނާއަކީ މި ރަށުގެ ތާޅަފިއްޔެވެ. އިސްޕީކަރެވެ. ރައްޔިތުންނަށް އަންގަންޖެހޭ ކަންކަން އެންގޭނެ ގޮތެއް ނެތް އިރު، އޭނާ އަކީ މި ރަށުގެ އިއުލާނެވެ. ގަޑިއެއް ނެތިއްޔާ ވަގުތު އަންގައިދޭ މީހަކީ ވެސް އޭނާ އެވެ.

ރަހުމާން ވަރަށް ކުޑައިރު އޭނާގެ މައިންބަފައިން މަރުވެއްޖެ އެވެ. އެހެންވެ، އެހާ ދަތި ދުވަސްވަރެއްގައި އޭނާ ދިރިއުޅެން ޖެހުނީ ވެސް ވަރަށް ދަތި ހާލެއްގަ އެވެ. އެކަމަކު އޭނާގެ ދުނިޔެ އުމުރުން 13 އަހަރުގައި ބަދަލުކޮށްލީ، އޭރު އޭދަފުށީގެ ވިސްނުން ތޫނު ލީޑަރު ޔޫސުފު ކަލޭފާނެވެ.

1123އުމުރުން 13 އަހަރުގައި ވަޒީފާ އަށް އަތުކުރި އޮޅާލި ރަހުމާން ރައްޔިތުންގެ ހިދުމަތުގައި 60 އަށް ވުރެ ގިނަ އަހަރު ހޭދަކުރި އެވެ. އޭނާގެ ހިދުމަތް ނުލިބޭ ވަކި ދާއިރާއެއް މި ރަށަކު ނެތެވެ. އޭނާގެ ފުރަތަމަ ވަޒީފާއަކީ ވެސް ޝައުގުވެރި ވަޒީފާއެކެވެ. ޔޫސުފް ކަލޭފާނުގެ ވެރިކަމުގައި ރަހުމާނަށް ފުރަތަމަ ދިން ވަޒީފާއަކީ ކާޑުގެ އަށް ރައްޔިތުން ގެންދާ މަސް އަވީލުމާއި ކާޅުފައްސަން އިނުމެވެ. އަދި އަވީލި މަސްތައް ގޯނިތަކަށް އަޅައި ކާޑުގެ ތެރެއަށް ވެއްދުމެވެ. އޭނާގެ އުޖޫރައަކީ ދުވާލަކު ކާށި ކިބައަކާއި މަސްގަނޑެކެވެ.

އެ ދުވަސްވަރު ރަށަށް ބާނާ ހުރިހާ މަހެއް ކައްކައިގެން ގެންނަންޖެހެނީ ރަށުއޮފީހަށެވެ. ތަދުމަޑު ދުވަސްވަރެއްގައި ދުވާލަކު ކާށި ކިބައަކާއި މަސްގަނޑަކީ ރަށުގެ މަދު މީހަކަށް ނޫނީ ނުލިބޭ އެއްޗެކެވެ. ގޭގޭގައި މަސްބެހެއްޓުމަކީ އޭރު މަނާ ކަމެކެވެ.

މަހު މުސާރައެއް މި މަސައްކަތް އޭނާ ކުރީ، އޭނާ އަދާކުރި ކޮންމެ މަސައްކަތެއް ވެސް ކުރިހެން، ގަޔާވެގެންނެވެ. ދެތިން އަހަރު އެގޮތަށް ހޭދަކުރުމަށް ފަހު މުސާރައިގެ ގޮތުގައި 5ރ. ހަމަޖެއްސި އެވެ. ރަހުމާނު ބުނިގޮތުގައި އޭރު ލިބުނު އުޖޫރައާ ދޭތެރޭ ވަރަށް ހިތްހަމަޖެހެ އެވެ. ސަބަބަކީ އެ ޒަމާނުގައި ކާނެ އެއްޗެއް ނުލިބޭކަމާއި އަދި “ބަނޑުހައި ވެސް ނުވާތީ” އެވެ.

އެ މަސައްކަތުގައި އުޅެމުން ދަނިކޮށް، ރަހުމާންގެ އަޑުގެ ޖާދޫ ޔޫސުފު ކަލޭފާނަށް އެނގިވަޑައިގެން، ރަހުމާން އަތަށް ސަންގު ހަވާލު ކުރި އެވެ. މިއީ، އެ މަސައްކަތެއްގައި ރަހުމާން ވަރަށް ގިނަ ދުވަސް ހޭދަކުރި މަސައްކަތެއް ވެސް މެ އެވެ. މިއީ، އެ ހިދުމަތެއްގެ ހަނދާން އޭދަފުށީ ދަރިން ދުވަހަކު ފޮހެވިގެން ނުދާނެ ހިދުމަތެއް ވެސް މެ އެވެ.

ކޮންމެ ރޯދަ މަހަކު އިރުއޮއްސުނުކަން އެންގުމުގެ ގޮތުން މުޅި ރަށަށް އިވޭ ވަރަށް ސަންގު ފުމުމާއި، ރަށުގައި ހާދިސާއެއް ހިނގައިފިނަމަ ނުވަތަ ރައްޔިތުންގެ ސަމާލުކަމަށް ކުއްލިއަކަށް ގެންނަންޖެހޭ ކަމެއް އަންގަން ޖެހިއްޖެ ނަމަ ސަންގު ފުމުމާއި، ސައުންޑް ސިސްޓަމް ނެތި ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް އޭނާގެ އަޑުން ރަށަށް ގޮވުމާއި، ކޯޓުގައި ތެޅުމަށް ހުކުމްކުރާ މީހުންގެ ގައިގައި ދުއްރައިން ތެޅުމަކީ ވެސް ރަހުމާން ގަވައިދުން އޭރު ކުރަމުން އައި ކަމެކެވެ. އެއީ އޭނާ އަށް ލިބިފައިވާ ހާއްސަ ހުނަރެކެވެ.

މި ރަށު ފަސްގަނޑުގައި ދިރިއުޅުނު އެތަކެއް ބަޔަކު ރޯދަ މަހު އޭނާގެ ސަންގާ އެކު ރޯދަ ވީއްލައިފި އެވެ. އޭނާގެ ގޮވާލުންތަކާ އެކު ރަށުގެ އެތަކެއް ބައްދަލުވުންތަކެއް ބާއްވައިފި އެވެ. އޭނާގެ މަސައްކަތުން މި ރަށުގެ އެތަކެއް އިމާރާތްތަކެއް ކޮޅަށް ޖަހައިފި އެވެ. އޭނާގެ އަގު ނުކުރެވޭ ހިދުމަތްތަކުން މި ރަށަށް ތަރައްގީ ވެސް ލިބިއްޖެ އެވެ.

DSC_0584ރަހުމާން ވަނީ އޭގެ އިތުރުން ވެސް އެހެނިހެން ބައިވަރު ވަޒީފާތައް އަދާކޮށްފަ އެވެ. އޭގެ ތެރޭގައި ކާޑުގެ ބެލެހެއްޓުމާއި، ރޯޝަނީ ސްޓޯރު (ރައްޔިތުންގެ ފިހާރަ) ބެލެހެއްޓުމާއި، ފެންފޯއްދަނޑަށް (މިހާރު ހޮސްޕިޓަލް ހުރި ތަނަށް) ފެންދީ ބެލެހެއްޓުމާއި، ގަބުރުސްތާނު ވިނަނޮޅާ ސާފުކުރުމާއި، ދާރުއްތޮލަބާ )ރަށުންބޭރުން ގެންނަ ކުދިން ކިޔަވަންތިބޭ ދަނާލެއް(ގައި ކުދިން ބެލެހެއްޓުމާއި، ބަހިއްޔާގެ މަސައްކަތު މީހެއްގެ ވަޒީފާ އާއި، އަތިރިމަތި ސާފުކޮށް ބެލެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން މުދިމަކު ނެތް ތިން މަހެއްހާ ދުވަހު މިސްކިތުގައި، ބަންގި ގޮވުމާއި ހުކުރަށް ގޮވުމާއި، މަހުން ލަފާ ދޯނިފަހަރުގެ މަސް ގުނުން ވެސް ހިމެނެ އެވެ.

ރަހުމާނުގެ ހިދުމަތުގެ ތާރީހުގައި ފޮރުވިފައިވާ އެހެން ސިއްރުތަކެއް ވެސް އެބައޮތެވެ؛ އޭނާ އަކީ ކަންކަން ހިތުގައި ބާއްވާ މީހެއް ނޫނެވެ. ވަޒީފާ އަދާކުރުމުގެ ތެރޭގައި ދިމާވާ ކަންތައްތައް އޭނާގެ ހަނދާނުން ނައްތާލާލެއް އަވަހެވެ. އަނެއްކޮޅުން، އޭނާ އަކީ މުޅި ރަށުގެ އެންމެންނާ އަބަދު ވެސް ހެވިފައި ވާހަކަ ދައްކާ ސަމާސާކޮށް ހަދާ މީހެކެވެ. ރަށު މީހުންގެ ލޯބި އޭނާ އަށް ލިބިފައި ވަނީ ވެސް އެހެންވެ އެވެ. އޭނާގެ ވަޒީފާގައި ކިތަންމެ ހިތްދަތި ކަމެއް ދިމާވިޔަސް، އެއީ “ދެން ވީގޮތޭ” ހިތަށް އަރުވާލައިފައި ވަޒީފާގައި އޭނާ ދެމިހުރެ އެވެ. އޭނާގެ މުޅި ހަޔާތުގައި ވެސް އެންމެ ބޮޑު ހިތްދަތި ކަމެއް ވެސް ކުރިމަތިވީ ވަޒީފާގެ ތެރޭގަ އެވެ.

“ވަޒީފާގައި ލިބެމުން ދިޔަ އިނާޔަތްތައް ކަނޑާލައި 1979 ވަނަ އަހަރު މަހަކު 60ރ.ގެ މުސާރަ އަކަށް ބަދަލުކުރި ދުވަސް އެއީ އެންމެ ދެރަވި ދުވަސް. އޭގެ ކުރިން އެކިގޮތްގޮތުން މަހަކު 112ރ. ލިބެމުން ދިޔަ،”

ރިޓަޔާމެންޓް ގާނޫނެއް އަންނަންދެން ރަހުމާން ވަޒީފާގައި ދެމިހުއްޓެވެ. އޭނާގެ ހިދުމަތުގެ ނިމުން އައީ މީގެ ފަސް އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޓަޔަމެންޓް ގާނޫނާ އެކު، 65 އަހަރުގައި ވަޒީފާއިން ރިޓަޔާކުރަން މަޖުބޫރުވި ހިސާބުންނެވެ.

ރަހުމާނުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން ވަނީ ހަނދާނީ ލިޔުމެއް ދީފަ އެވެ. އަދި އަސާސީ ތައުލީމު ކިޔަވައިދިނުމުގައި ހަރަކާތްތެރިވެފައިވާތީ ސަރުކާރުން އޭނާ އަށް ވަނީ ހަނދާނީ ލިޔުމެއް ވެސް ދީފަ އެވެ. މީގެ އިތުރުން ދައުލަތަށް 20 އަހަރު ޚިދުމަތްކުރުމުގެ ގޮތުން އޭރުގެ ރައީސް މައުމޫން ސޮއިކުރައްވައި ޝަރަފްގެ ލިޔުމެއް ދެއްވާފައި ވެ އެވެ.

ހޮބީއެއްގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގާދޫންޏަކާއި ކާޅެއް އޮޅުކޮށްގެން ގެންގުޅުނު ރަހުމާނަކީ މިހާރު ދައުލަތުގެ ޕެންޝަނަރެކެވެ. ރަހުމާންގެ ދެމަފިރިންނަށް ލިބުނު 10 ކުދިންނާއި ކާފަ ކިޔާ 14 ކުދިން ދުނިޔޭގައި ތިބިއިރު ރަހުމާންގެ ދެން އޮތް އެންމެ ބޮޑު އުންމީދަކީ އެ ކުދިންގެ އުފާވެރި ކަމެވެ.

“އަބަދުވެސް މި އުޅެނީ އުފަލުގައި. ދެން ބޭނުންވަނީ، ހުރިހާ ކުދިން އަމިއްލަ ދިރިއުޅުމެއް ފަށައިގެން އުޅޭތަން ދެކެން،” މިހާރު އުމުރުން 75 އަށް ވުރެ މައްޗަށް ގޮސްފައިވާ ރަހުމާން ބުންޏެވެ.

 މިހާރު ވެސް އޭނާގެ ހިނިތުންވުން ކުރިއެކޭ އެއްގޮތަށް އެބަހުއްޓެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް ބައިވަރެވެ. ތަރައްގީގެ ނަމޫނާ ރަށަކަށް ހެދުމުގައި ރަހުމާންގެ ބައިވެރިވުން ބޮޑުކަން އޭނާ އަށް އަމިއްލަ އަށް ވެސް އިހުސާސް ކުރެވެ އެވެ. އެކަން ގައިމުވެސް އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލު ކުރަމެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Shameen

    ރަޙްމާންބެއަކީ އަޅުގަނޑު ކައިވެނީގެ ވަލީވެރިއެއް. ﷲ ރަޙްމާންބެއަށް އަބަދުވެސް ހެޔޮގޮތް މެދުވެރި ކުރައްވާ، ހެޔޮ ރަޙްމަތް ލައްލާށީ. އާމީން

    ރައްދު
  2. Abdul muhaimin

    އަޅުގަނޑުގެ ހަނދާންވާ ގޮތުގައި ރަޙުމާނުބެއަށް ކުރީގެ މީހުން ކިޔައި އުޅެނީ ރީތިބެ ރަޙްމާން. އަޅުގަނޑު ބަހިއްޔާ ސުކޫލުގައި ތަޢުލީމު ޙާޞިލުކުރަން އުޅުނު އިރު، ސުކޫލަށްދާ ކޮންމެ ދުވަހަކު އެންމެ ފުރަތަމަ ބައްދަލުވާ އެކަކީ ރަޙްމާނުބެ. ސަބަބަކަށްވީ ރަޙުމާނުބެ ސޭޓުކަން ކުރެއްވި ފިހާރަ ހުރީ ބަހިއްޔާ ސުކޫލު ކުރިމަތީގައި. ވަރަށް ސަކަ މިޒާޖުގެ ބަސް ބުނުއްވި ހިތްހެޔޮ ބޭފުޅެއް. މިލިޔުމަށް އަޅުގަނޑު ތާއީދު ކޮށް ރަޙުމާނުބެއަށް ތަޢުރީފް ކުރަން.

    ރައްދު
  3. ބޮޑޭ ދަރިއެއް

    މިލިޔުމުގައި އޭނާ ރިޓަޔާ ކުރެއްވިއިރު އޭނާ ކުރެއްވި މަސައްކަތްތަކުން ރައް ތަރައްޤީކުރާނެ އިތުރު ދަރިންތަކެއް އުފައްދަވައި އެކަން ފެންނަމުންދާކަން ފާހަގަކުރަންޖެހޭ. އޭނާގެ ދަރިންގެ ހިދްމަތްތައް އޭދަފުށީގެ ކޮޅުކޮޅުމަތިން އެބަފެނޭ. ހަމައެކަނި މިނޫހުގެ އެއްތަނބު ތާރިގްގެ ހިދްމަތަަށް ބަލާލިޔަސް…..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.