
ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ސްޕަރ ވިޝަން އޮޕްޓިކަލްސް ގުޅިގެން ލޮލުގެ ހާއްސަ ކޭމްޕެއް ފަށައިފި އެވެ.
މި ކޭމްޕް ކުރިއަށްދާނީ މިއަތޮޅު މާޅޮސް، ދޮންފަނު ކިހާދޫ އަދި ދަރަވަންދޫގަ އެވެ.
އެގޮތުން މިއަދު ހެނދުނު މާޅޮހުގައި މި ކޭމްޕް ފެށިއިރު، މާދަމާ ކޭމްޕް ކުރިއަށްދާނީ ދޮންފަނުގަ އެވެ. ކިހާދޫގައި މި ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އަދި ދަރަވަންދޫގައި ބުދަ ދުވަހު އެވެ.
މި ކޭމްޕްގައި ލޮލުގެ ޕްރެޝަރ ބެލުމާއި ޑައިބެޓިކް އަދި ސްކްރީނިންގެ އިތުރުން ލޮލުގައިވާ ތަފާތު މައްސަލަތައް ބެލުމާއި ލޮލުގެ ނަންބަރު ނަގައިދީ އައިނު ހައްދައިދިނުން ހިމެނެ އެވެ.
މީގެ އިތުރުން އަމިއްލަ ދުނިގަނޑަށް ލޯ ލައްވައިދިނުމާއި ރަށުގައި ތިބެގެން ނަންބަރު އައިނު ހަދައިދީ ދެ ފަހަރަށް ބަހާލައިގެން އައިނު ހެއްދުމަށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް މި ކޭމްޕްގައި ހަމަޖައްސައިދެ އެވެ.
މި ކޭމްޕްގައި ސްކޫލް ކުދިންނަށް ހައްދާ އައިނުން 10 ޕަސެންޓް ޑިސްކައުންޓް ދެ އެވެ.
ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށް ފުރިހަމަ ނަމާއި އައިޑީކާޑް ނަންބަރު އަދި އެޑްރެހާ ރަށާއެކު ގުޅޭނެ ނަންބަރާއެކު 7999602 އަށް މެސެޖް ކުރުމުން ނަންނޯޓް ކުރެވޭނެ އެވެ.
