
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް މިހާރު ވަރަށް ބޮޑުކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ އަގުތަކަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ މި ސަރުކާރު އިންތިހާބުވުމާއެކީ، އިންތިގާލީ މަރުހަލާގެ މަސައްކަތުގައި ފާހަގަކުރެވުނީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، 2018 އިން 2023އަށް އައިލެންޑް އޭވިއޭޝަނުގެ ވިޔަފާރި ދަށަށް ގޮސް، އެއް ބޯޓު ގެންގޮސް ސީ ޕްލޭން އޮޕަރޭޝަންތައް ވެސް ދަށަށް ގޮސްފައިވާކަން ކަަމަށެވެ.
އަދި އައިލެންޑް އޭވިއޭޝަނަކީ ވިޔަފާރި އުސޫލުން ހިންގަން ޖެހޭ ކުންފުންޏެއް ކަމަށްވާއިރު އެ ކުންފުނީގައި ހިދުމަތް މަދުވެފައި މުވައްޒަފުން ގިނަ ކަމަށާއި މިދިޔަ ހަފްތާގައި އައިލެންޑް އޭވިއޭޝަންގެ މެނޭމެންޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
އެގޮތުން މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލުތައް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފަ އެވެ.
“މިހާރު ހުރި ފެއާއަކީ ބޮޑު އަދަދެއްކަން ގަބޫލު ކުރަން. އެހެންވީމަ ކުންފުންޏާއި މަޝްވަރާކޮށްގެން ގެނެވެން ހުރި ބަދަލުތަކަށް ވަރަށް އަވަހަށް ކުރިއަށް ގެންދާނަން،” އަމީން ވިދާޅުވި އެވެ.