އޭދަފުށީ ކައުންސިލުން ފައިސާގެ ރެކޯޑުތައް ނުބަލަހައްޓާ، އުސޫލާ ހިލާފު އެތައް ކަމެއް!

އޭދަފުށީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން:

ބ. އޭދަފުށީ ކައުންސިލުން ފައިސާގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ބަލަހައްޓަމުން ނުދާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމުކުރި އޭދަފުށީ ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އޭދަފުށީ ކައުންސިލުން މާލިއްޔަތު ގަވައިދާ އެއްގޮތަށް ފައިސާގެ ކަންކަން ބަލަހައްޓަމުން ގޮސްފައިނުވާ ކަމާއި ގަވައިދާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ހަރު މުދަލުގެ ސައްހަކަން ކަށަވަރެއް ނުކުރޭ

އޭދަފުށީ ކައުންސިލުގެ މިލިއަން ރުފިޔާގެ ހަރު މުދަލުގެ ސައްހަކަން ކަށަވަރުކޮށްފައި ނެތް ކަމަށް 2022 ވަނަ އަހަރުގެ އެ ކައުންސިލުގެ މާލީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ މުދަލެއްގައި ވެސް ވަކި މައުލޫމާތުތަކެއް ފުރިހަމަކޮށް ބަލަހައްޓާފައި ހުންނަން ވާނެ އެވެ.

މާލީ ބަޔާނުގައި ހިމެނޭ “މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާން” ގައި ހަރުމުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ ޖުމުލަ އަގު ކަމުގައިވާ 4,993,380ރ. އަކީ އެ ތާރީހުގެ ނިޔަލަށް ކައުންސިލުގެ މިލްކިއްޔާތުގައި ހިމެނޭ ހަރުމުދަލުގެ ސައްހަ އަގުކަން ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

އެގޮތުން ކައުންސިލު އިދާރާގެ އިމާރާތްތަކުގެ ގޮތުގައި ހުރި މަލްޓިޕާޕަސް އިމާރާތާއި ބަހިއްޔާ ޕްރީ ސްކޫލާއި ރޯޝަންހިޔާގެ އިތުރުން ބަޔޮސްފިއާ ހިޔާ އާއި މާރަނަ 2 އަދި ގުދަން ހިމެނޭއިރު މިތަންތަނުން ބިމާއި އިމާރާތުގެ ގޮތުގައި އަހަރު ފެށުނު އިރާއި އަހަރު ނިމުނުއިރު ހުރިކަމަށް އެއް މިލިއަން ރުފިޔާ ހިމަނާފައިވުމުން މި އަދަދަކީ ސައްހަ އަދަދެއްނޫކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އަދި 2022 ވަނަ އަހަރު ނީލަންކިޔައި ވިއްކާފައިވާ ތަކެތި މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާނުގައި ހިމަނާފައިވާ 3.993.380 ރ އަކީ ވެސް ސައްހަ އަދަދެއް ނޫންކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ.

އެހެންވެ އޮޑިޓު އޮފީހުން ވަނީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން  ކައުންސިލު އިދާރާގެ ބެލުމުގެ ދަށުގައިހުރި ހަރު މުދަލުގެ ރަޖިސްޓްރީއެއް ބެލެހެއްޓުމާއި، ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމެނުމަށް ލަފާދީފަ އެވެ.

ފައިސާގެ ރެކޯޑުތައް ނުބަލަހައްޓާ

އޭދަފުށީ ކައުންސިލުގެ އިދާރާ އަށް ލިބެން ޖެހޭ ފައިސާގެ ހިސާބު ބަލަހައްޓާފައި ނުވާތީ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ވަނީ ކިހާ ވަރެއް ކަމާއި އަދި އެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

އެގޮތުން މަލްޓިޕާޕަސް އިމާރާތުގައި ހިންގާ ރެސްޓޯރެންޓުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން 230،000 ރުފިޔާ ލިބިފައިނުވާ ކަމަށާއި މި ފައިސާ އަކީ ކައުންސިލުގެ އިދާރާއަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި އެ އިދާރާގެ އެއްވެސް ލިޔެކިޔުމެއްގައި ރިކޯޑްކޮށްފައެއް ނުވާކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.  

އޮޑިޓުން ފާހަގަކުރި އުސޫލާ ހިލާފު ބައެއް ކަންކަން؛

  • މަސައްކަތް ނިންމުމުގެ ކުރިން ކޮންޓްރެކްޓަރަށް ފައިސާ ދައްކާފައިވުން.
  • ބިޑް ކޮމެޓީގެ ހުއްދައާ ނުލައި އެއްބަސްވުންތަކުގެ މުއްދަތަށާއި އަގަށް ބަދަލު ގެނެސްފައިވުން.
  • ކުނިގޮނޑުގައި ހުރި ނައްތާ ނުލެވޭ ޒާތުގެ ކުނިތައް ބޭރުކޮށްފައިވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ނޫންކަން.
  • އެއްބަސްވުން އެކުލަވާލުމުގެ ކުރިން މަސައްކަތް ހަވާލުކޮށް ކުރިއަށް ގެންގޮސްފައިވުން.
  • ކައުންސިލަށް ލިބެންޖެހޭ ފައިސާ އާއި ކައުންސިލުން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ހިސާބު ބަލަހައްޓަފައި ނުވުން
  • މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ނުކުތާތައް އެއްބަސްވުންތަކުގައި ހިމަނާފައިނުވުން.
  • ބީލަން ހުޅުވުމުގެ ގޮތުން ކުރާ އިއުލާންތައް ގެޒެޓްގައި ޝާއިއުކޮށްފައި ނުވުން

މީގެ އިތުރުން އިއުލާން ނުކޮށް ބައިބަޔަށް ބަހާލައިގެން ބައެއް މަސައްކަތްތަކާއި ތަކެއްޗާއި ހިދުމަތް ހޯދާފައިވާ ކަންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މާލިއްޔަތު ގަވާއިދުގައި ބުނެފައި ވަނީ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ވާދަވެރިކަން ގެއްލޭ ގޮތަށް އެއް ކަމެއްގެ ގޮތުގައި ބެލޭ ކަންތައްތައް ވަކި ނުކުރުމަށާއި ޕްރޮކިއުމަންޓްގެ މަސައްކަތަށް ހިނގާނެ ހަރަދާއި އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ވީވަރަކުން މަސައްކަތްތައް އެއްކޮށްލުމަށެވެ.

ރިޕޯޓުގައި ބުނި ގޮތުގައި 35،000ރ. އަށް ވުރެ އަގު ބޮޑު މަސައްކަތެއް ކުރަން ނުވަތަ ތަކެތި ބޭނުން ވެއްޖެނަމަ، އާންމުކޮށް، އިއުލާން ކުރަން ޖެހޭ ކަމަށް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު، ކައުންސިލު އިދާރާއައށް އެއްފަހަރާ ގަނެވެންހުރި ތަކެތި އަދި ކުރެވެންހުރި ބައެއް މަސައްކަތްތައް ހަވާލުކޮށްފައިވަނީ ބައިބަޔަށް ބަހާލައިގެން ކަމަށެވެ.

އެހެންވެ، އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ، އެއް ފަހަރާ ގަނެވެން ހުރި މުދާ ނުވަތަ ކުރަން ޖެހޭ މަސައްކަތްތައް ބައިބަޔަށް ބަހާލައިގެން ކުރުވުމުގެ ބަދަލުގައި އެއް ފަހަރާ ގަނެވެން ހުރި މުދާ ނުވަތަ ކުރަން ޖެހޭ މަސައްކަތްތައް އެއްކޮށްލައިގެން މަސައްކަތުގެ އަގު، 35،000ރ. އަށްވުރެ ބޮޑުވާ ނަމަ، އެ މުދަލެއް ނުވަތަ މަސައްކަތެއް ކުރުމަށް އެކަށީގެންވާ ފަރާތެއް ހޯދުމަށް ގަވާއިދާ އެއްގޮތަށް އާންމުކޮށް އިއުލާން ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.