ބ. އަތޮޅު ކައުންސިލުން ބޭއްވި އަތޮޅު ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރި ފަހުން، ކައުންސިލުތަކުގެ ވަނަ ހޮވުމުގައި ބަދަލު އައީ އިދާރީ ގޮތުން އެރި އޮޅުމެއްގެ ސަބަބުން ކަމަށް ބ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ ގަސްތުގައި ކައުންސިލުން ގޯސްކޮށް ނުހަދާނެ ކަމަށާއި މުބާރާތުގެ ނަތީޖާ ހެދުމުގައި ޖެހިފައިވަނީ އިދާރީ މައްސަލައެއް ކަމަށެވެ.
އެގޮތުން ކައުންސިލުތައް ރޭންކް ކުރިއިރު، ބައެއް ރަށު ކައުންސިލުގެ ބައިވެރިންގެ މާކްސް ޖުމްލަ ހެދުމުގައި އެރި އިދާރީ އޮޅުމުގެ ސަބަބުން ކެންދު އާއި ކިހާދޫ އާއި ދޮންފަނު އަދި ހިތާދޫ ކައުންސިލުގެ މާކްސްގެ ޖުމްލަ ހެދުމުގައި ވަނީ ބަދަލުތަކެއް އައިސްފަ އެވެ.
މިކަމުގެ ސަބަބުން ކައުންސިލުތަކުގެ ރޭންކަށް އައި ބަދަލުތަކާއި ބައިވެރިންނަށް މާކްސް ލިބިފައިވާ ގޮތް ރަށު ކައުންސިލުތަކާ އިއްޔެ ހިއްސާކޮށްފައިވާނެ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ.
ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން، ކުރިން ތިން ވަނަ އަށް ހޮވުނު އޭދަފުށީ ކައުންސިލަށް މިހާރު ލިބެނީ ދެވަނަ އެވެ. އަދި ކުރިން ދެވަނަ ހޯދި ކެންދޫ ކައުންސިލަށް މިހާރު ލިބެނީ ތިން ވަނަ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ.
ނަމަވެސް ދޮންފަނު، ކިހާދޫ އަދި ހިތާދޫ ކައުންސިލުގެ މާކްޝީޓަށް މި އައި އިދާރީ އޮޅުމުގެ ސަބަބުން އެ ކައުންސިލުތަކުގެ ރޭންކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ބ. އަތޮޅުގެ ގުރުއާން މުބާރާތުގެ އެއް ވަނަ މިއަހަރު ވެސް ހޯދީ ތުޅާދޫ ކައުންސިލުންނެވެ.
މި މަހުގެ 2-4 އަށް ތުޅާދޫގައި ބޭއްވި ގުރުއާން މުބާރާތުގައި މި އަތޮޅުގެ ދިހަ ރަށަކުން ޖުމްލަ 147 ދަރިވަރުން ވާދަކޮށްފައިވާ އިރު، މުޅި މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ، ދަރަވަންދޫ ކައުންސިލުގެ ދާނިޝް ބިން މުހައްމަދު ފަތުހީ އެވެ. ހިތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ލިބުނީ ތުޅާދޫ ކައުންސިލުގެ ފާތުމަތު ނިޝްޔާ ޝުޖާއު އަށެވެ.
މި މުބާރާތުގައި ހުރިހާ ކީ ސްޓޭޖްތަކެއް ވަކިން ވެސް ވަނަތައް ވަނީ ހޮވައި އިނާމުދީފަ އެވެ.
ކައުންސިލުތަކުގެ ވަނަ ހޮވުމުގައި އިދާރީގޮތުން އަރާފައިވާ އޮޅުމުގެ ސަބަބުން އައިސްފައިވާ ބަދަލުތަކަށް އަތޮޅު ކައުންސިލުން ވަނީ ރަށު ކައުންސިލުތަކުގެ ފަރާތުން މައާފަށް ވެސް އެދިފަ އެވެ.