ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ފައިނަލުގައި މިރޭ ފެހެންދޫއާ ދެކޮޅަށް ނުކުންނައިރު އޭދަފުށީގެ ރައްޔިތުން ފުޓްސަލް ޓީމަށް ތަރުހީބު ދިނުމަށް އޭދަފުށި ފުޓްސަލް ޓީމުން އެދިއްޖެ އެވެ.
ގޯލްޑެން ފުޓްސަލްގައި ބ. އަތޮޅުން ހަތަރު ޓީމު ބައިވެރިވިއިރު އޭދަފުށި ފައިނަލަށް ދަތުރުކުރީ ހަތް ޕޮއިންޓާ އެކު އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފެހެންދޫ އަށް ލިބުނީ ފަސް ޕޮއިންޓެވެ.
ލީގު ބުރުގައި އޭދަފުއްޓާއި ފެހެންދޫ ކުޅުނު ވާދަވެރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
އޭދަފުށިން ވަނީ ގޯލްޑެން ފުޓްސަލްގައި އެޓީމު މިހާތަނަށް ވާދަކުރި ތިން ފަހަރު ވެސް އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ. 2018 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދައި ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އެވެ. 2019 ވަނަ އަހަރު އޭދަފުށި ވަނީ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު ކުޅުނު މުބާރާތުގައި ކެޓީ ކުއާޓާ ފައިނަލުންނެވެ.
އަތޮޅު ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ހޯދުމަށް ނުކުންނައިރު ފުޓްސަލް ޓީމުން އެދެނީ މާލެ ސަރަހައްދުގައި ތިބި އޭދަފުށީގެ ރައްޔިތުންނާއި އޭދަފުއްޓަށް ސަޕޯޓްކުރާ އެންމެން މިރޭ ދަނޑަށް ހާޒިރުވެ ޓީމަށް ތަރުހީބު ދިނުމަށެވެ.
“ތަށި ދިފާއުކުރަން ނުކުންނައިރު ޔަގީނުންވެސް ސަޕޯޓަރުންގެ ތަރުހީބު ޓީމަށް ވަރަށް ބޭނުންވާނެ. ރަށުގެ ވީހާވެސް ގިނަ ބަޔަކު މެޗު ބަލަން ދަނޑަށް ހާޒިރުވެ އޭދަފުށި ޓީމަށް ތަރުހީބު ދިނުމަކީ ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިންގެ ވަރަށް ބޮޑު އެދުމެއް” މެޗުގެ ކުރިން ވާހަކަދައްކަމުން އޭދަފުށި ފުޓްސަލް ޓީމުގެ އޮފިޝަލަކު ބުންޏެވެ.
ގޯލްޑެން ފުޓްސަލް ފޯރިއާއެކު ކުރިއަށްދާއިރު ރަށްރަށުގެ ސަޕޯޓަރުން އަންނަނީ ޓީމުތަކަށް ވަރަށް ފޯރިއާއެކު ތަރުހީބު ދެމުންނެވެ. ބައެއް ރަށްތަކުން ކާމިޔާބީ ހޯދުމުގައި ސަޕޯޓަރުން ބޮޑު ދައުރެއް އަދާކުރެ އެވެ.